ކ. ހިންމަފުށީގައި ބާއްވާ ފުރަތަމަ އިންޓަ އޮފީސް ފުޓްސަލް މުބާރާތް، މިނިވަން ފަރު އިންޓަ އޮފީސް ފުޓްސަލް މުބާރާތުގެ އަންހެން އަދި ފިރިހެން ޑިވިޝަންގެ ފައިނަލް މެޗުތައް މިރޭ އޮންނާނެއެވެ.

ހިންމަފުށީގެ ސަރުކާރުގެ އިދާރާތަކާއި އޮފީސްތައް އަދި އަމިއްލަ ކުންފުނިތަކަށްވެސް ބައިވެރިވުމަށް ހުޅުވާލި މިނިވަން ފަރު މުބާރާތުގެ ފައިނަލާ ހަމައަށް ގޮސްފައި ވަނީ ފޯރިގަދަ މެޗުތަކަކަށް ފަހުގައެވެ.

ހިންމަފުށީ ރަސްމީ ފުޓްސަލް ދަނޑުގައި މެޗުތައް ކުރިއަށް ގޮސްފައިވާ އިރު، އަންހެން ޑިވިޝަންގައި ކުޅެފައި ވަނީ ޖުމުލަ ތިން ޓީމެވެ. ފިރިހެން ޑިވިޝަންގައި ވާދަކޮށްފައި ވަނީ އަށް ޓީމެކެވެ. ފިރިހެން ޑިވިޝަންގެ ގްރޫޕް ސްޓޭޖު މެޗުތައް ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެން ގޮސްފައިވާ އިރު، އަންހެން ޑިވިޝަންގައި ލީގު ބުރެއް ކުޅުމަށްފަހު ދެން ކުޅޭނީ މިރޭގެ ފައިނަލް މެޗެވެ.

މިމަހުގެ 20 ދުވަހު ފެށި އެ މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލުގައި މިރޭ ނުކުންނާނީ ސީޕީޑީއާއި ކައުންސިލް ފުޓްސަލް ޓީމެވެ. ފިރިހެން ޑިވިޝަންގެ ފައިނަލުގައި ނުކުންނާނީ އައްސޭރި ޕްރިސަންއާއި ސީއެމްއެފްއެވެ.

ފައިނަލަށް ސީއެމްއެފް ދިޔައީ ސެމީ ފައިނަލުގައި ސީއެމްއެފް ސްޕިރިޓް ބަލިކޮށްގެންނެވެ. ސެމީ ފައިނަލް މެޗު ސީއެމްއެފުން ކާމިޔާބު ކުރީ 4-2 ގެ ނަތީޖާއަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ މެޗުގައި ދެ ގޯލު ޖެހި އަތުސަން އިބްރާހީމެވެ. ސެމީ ފައިނަލްގެ އަނެއް މެޗުގައި އައްސޭރި ޕްރިޒަން އިން ޓީމް ޑީޓީއާރުސީ ބަލިކުރީ 5-0ގެ ނަތީޖާއަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ހެޓްރިކް ހެދި އަލީ ސާޖިދެވެ.

މިރޭ އޮންނަ އަންހެން ފައިނަލް ފަށާނީ 8:30 ގައެވެ. އައްސޭރި ޕްރިޒަންއާއި ސީއެމްއެފް ވާދަކުރާ ފިރިހެން ފައިނަލް އޮންނާނީ މިރޭ 9:30 ގައެވެ.

މިނިވަން ފަރު އޮފީސް ފުޓްސަލްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ވަން އޮންލައިންއެވެ.