ކ. ހިންމަފުށީގައި ބާއްވާ ފުރަތަމަ އިންޓަ އޮފީސް ފުޓްސަލް މުބާރާތް، މިނިވަން ފަރު އިންޓަ އޮފީސް ފުޓްސަލް މުބާރާތުގެ ފިރިހެން ޑިވިޝަންގެ ގުރޫޕް ސްޓޭޖު ނިމި، ސެމީ ފައިނަލް މެޗުތަކަށް ތައްޔާރުވެއްޖެއެވެ.

މުބާރާތުގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުތައް ރޭ ނިމިފައިވާ އިރު، ސެމީއަށް ދަތުރު ކުރި ޓީމުތަކަކީ އައްސޭރި ޕްރިޒަންއާއި ސީއެމްއެފް ސްޕިރިޓް އަދި ސީއެމްއެފްއާއި ޓީމް ޑީޓީއާރްސީއެވެ. މުބާރާތުގެ ސެމީއަށް ގުރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ދަތުރުކުރީ އައްސޭރި ޕްރިޒަންއެވެ. އެޓީމުން ވަނީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ، އަނެއް މެޗުން ޕޮއިންޓެއް ހޯދައިފައެވެ.

އެ ގްރޫޕުގެ ދެވަނައަށް ދިޔައީ ސީއެމްއެފް ސްޕިރިޓެވެ. އެޓީމަށް ތިން މެޗުން ލިބުނީ ފަސް ޕޮއިންޓެވެ. ސީއެމްއެފް ސްޕިރިޓުން ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން އެއްވަރުވި އިރު، އަނެއް މެޗުން ވަނީ މޮޅުވެފައެވެ.

ގުރޫޕް ބީގެ އެއްވަނަ ނެގީ ސީއެމްއެފުންނެވެ. ގުރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗަކުންވެސް އެޓީމު މޮޅުވެފައިވާ އިރު، އެ ގުރޫޕުގެ ދެވަނައަށް ދިޔަ ޓީމް ޑީޓީއާރްސީ ސެމީއަށް ދިޔައީ ތިން ޕޮއިންޓާއެކު ހަނި ގޮތަކަށެވެ. އެ ގުރޫޕުގައި ދެން އޮތް ދެޓީމަށްވެސް ކޮންމެ ޓީމަކަށް ތިން ޕޮއިންޓު ލިބިފައިވާ އިރު، ޑީޓީއާރްސީ ސެމީއަށް ދިޔައީ ފައިދާ ގޯލުންނެވެ.

މުބާރާތުގެ އަންހެން ޑިވިޝަންގެ ގުރޫޕް ސްޓޭޖު ފަހު މެޗުވެސް މިރޭ އޮންނާނެއެވެ. ޖުމުލަ ތިން މެޗު މިރޭ އޮންނަ އިރު، ފުރަތަމަ ފަށާނީ އަންހެން ޑިވިޝަންގެ ގުރޫޕް ފަހު މެޗުގައި އެޗްސީއެޗްއެސްއާއި ކައުންސިލް ޓީމު ވާދަކުރާ މެޗުންނެވެ. ދެން އޮންނާނީ ސެމީ ފައިނަލް ދެ މެޗެވެ.

ސެމީ ފައިނަލް ފުރަތަމަ މެޗުގައި މިރޭ 9:00 ގައި އައްސޭރި ޕްރިޒަން ނުކުންނާނީ ޓީމް ޑީޓީއާރްސީއާ ދެކޮޅަށެވެ. މިރޭ 10:00ގައި އޮންނަ ސެމީ ފައިނަލް ދެވަނަ މެޗުގައި ސީއެމްއެފުން ނުކުންނާނީ ސީއެމްއެފް ސްޕިރިޓާ ދެކޮޅަށެވެ.

ހިންމަފުށީގެ ސަރުކާރުގެ އިދާރާތަކާއި އޮފީސްތައް އަދި އަމިއްލަ ކުންފުނިތަކަށްވެސް ބައިވެރިވުމަށް ހުޅުވާލި މި މުބާރާތް ކުރިއަށްދަނީ ހިންމަފުށީ ރަސްމީ ފުޓްސަލް ދަނޑުގައެވެ. މުބާރާތް ކުރިއަށްގެންދަން މިނިވަން ފަރުން ނިންމާފައި ވަނީ މިމަހު 20 އިން 28 އަށެވެ.

މިނިވަން ފަރު އޮފީސް ފުޓްސަލްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ވަން އޮންލައިންއެވެ.