މި ދުވަސްވަރު މަސްވެރިން ރަނގަޅުވެފައިވާތީ ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސް ގަތުން ކޮންޓްރޯލު ކޮށްފިއެވެ.

މިފްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެ ހުރިހާ ހިސާބުތަކުގެ ދޯނިތައް މަސްކިރަން އައުމުގެ ސަބަބުން މިފްކޯގެ ފްރީޒިން ކެޕޭސިޓީއަށްވުރެ އިތުރަށް މަސް ލިބެމުންދާ ކަމަށާއި އެހެންވެ މަސް ކިރުން ވަގުތީ ގޮތުން ކޮންޓްރޯލު ކޮށްފައިވާ ކަމަށެވެ.

އާންމުކޮށް ހުކުރު ދުވަހު މަސް ނުކިރުވާ ކަމަށާއި ނަމަވެސް މަސްވެރިކަން ރަނގަޅުވެފައި ވާތީ ފާއިތުވި ހަތަރު ހުކުރުގައި ވެސް މަސްކިރުވާފައިވާ ކަމަށް މިފްކޯއިން ބުންޏެވެ.

މިފްކޯއިން ބުނީ ފާއިތުވި ދޮޅުމަސް ދުވަހު މަސްވެރިކަން ރަނގަޅުވެ ކޯލްޑް ސްޓޯރޭޖްތައް ފުރެމުން އަންނާތީ މެދުކެނޑުމެއް ނެތި ކެރިއާ ބޯޓުތައް ގެނެސް ލޯޑުކޮށް އެކްސްޕޯޓް ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.

އެގޮތަށް ޕްލޭންކޮށްގެން މަސްގަތުމުގެ މަސައްކަތް ކުރިނަމަވެސް މަސްކިރަން އަންނަ ދޯނި ފަހަރާއި އެ ދޯނިފަހަރުން ގެންނަ އަދަދުތައް މާބޮޑަށް ގިނަވެ މިހާރު ކިއުގައި ހުރި ދޯނިފަހަރު މަސްކިރައި ފްރީޒް ކުރުމަށް ވަގުތު ބޭނުންވާތީ މާދަމާއިން ފެށިގެން ދޯންޏަކުން ފަސް ޓަނު ކިރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް މިފްކޯއިން ބުންޏެވެ.

ނަމަވެސް ކިޔޫ ނަންބަރު ދެވިފައި ހުރި ދޯނިފަހަރުގެ މަސް ކިރައި ނިމެންދެން އެ ދޯނިފަހަރުގެ މަސް، ކޮންޓްރޯލެއް ނެތި ކިރަމުންދާނެ ކަމަށްވެސް މިފްކޯއިން ބުންޏެވެ.

މިދިޔަ އަހަރު މިފްކޯއިން ވަނީ 49،392 ޓަނުގެ މަސް ގަނެފައެވެ. ނަމަވެސް މިއަަހަރުގެ މިހާތަނަށް ވެސް މިފްކޯއިން ވަނީ 56،198 ޓަނުގެ މަސް ގަނެފައެވެ. އަދި މިމަހު މިހާތަނަށް 8،796 ޓަނުގެ މަސް ގަނެފައެވެ. މިއީ މިފްކޯގެ ތާރީހުގައި އެއް މަސް ތެރޭ އެންމެ ގިނަ އަދަދެއްގެ މަސް ގަތް އަހަރެވެ. މިފްކޯއިން އަންދާޒާ ކުރާގޮތުގައި މި މަސް ނިމޭއިރު 10،500 ޓަނުގެ މަސް އެ ކުންފުނިން ގަންނާނެއެވެ.

މިފްކޯއިން ބުނީ މަސްގަތުމުގެ ކެޕޭސިިޓީ އިތުރުކޮށް މިހާރު ދުވާލަކު 400 ޓަނާއި 500 ޓަނާ ދެމެދުގެ އަދަދަކަށް މަސް ގަނެވޭ ކަމަށެވެ. މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި އެ ކުންފުނިން ގެންދަނީ ކޫއްޑޫ އާއި ފެލިވަރުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މިއަހަރުގެ ތެރޭގައި މިފްކޯ އަށް ވަނީ 378 ޓަނުގެ މަސް އުފުލޭ ބޯޓަކާއި މިފްކޯ އަށް ގަންނަ މަސް ރާއްޖެއިން ބޭރަށް ގެންދިއުމަށް އަމާޒުކޮށްގެން 2،500 ޓަނުގެ މަސް ރައްކާކުރެވޭ ބޯޓެއް ވެސް ރާއްޖެ ގެނެސްފައެވެ.

މަސް ގަންނަ އަމިއްލަ ކުންފުންޏެއް ކަމަށްވާ ހޮރައިޒަން ފިޝަރީޒްއިން ވެސް ވަނީ އިއްޔެ މަސް ގަތުން ކޮންޓްރޯލު ކޮށްފައެވެ.

ހޮރައިޒަން އިން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި ދުވަސްވަރު މަސްވެރިކަން ރަނގަޅުވެ މާންދޫގައި މަސް ފިނިކުރާ ކެޕޭސިޓީއަށް ވުރެ އިތުރަށް މަސް ގަންނަން ލިބެމުންދާ ކަމަށެވެ. އެކަމުގެ ސަބަބުން ބައެއް ދޯނިތަކުން ގެންދާ މަސް ނުކިރުވައި ފޮނުވާލަން ޖެހިފައިވާ ކަމަށެވެ.

އެހެންވެ މަސް ނުކިރުވައި ފޮނުވާލަން ޖެހޭ މައްސަލަ ހައްލުކުރުމަށްޓަކައި އަދި ހުރިހާ ދޯންޏަކަށް މަސްކިރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ދޯންޏަކުން ދުވާލަކު ފަސް ޓަނުގެ މަސް ގަތުމަށް ނިންމާފައިވާ ކަމަށްވެސް ހޮރައިޒަން އިން ބުންޏެވެ.