ކ. ހިންމަފުށީގައި ބާއްވާ ފުރަތަމަ އިންޓަ އޮފީސް ފުޓްސަލް މުބާރާތް، މިނިވަން ފަރު އިންޓަ އޮފީސް ފުޓްސަލް މުބާރާތުގައި ރޭ ކުޅުނު ގްރޫޕް ސްޓޭޖުގެ މެޗުތަކުން މޮޅުވެ ކައުންސިލް ޓީމުން އުންމީދު ދެމެހެއްޓި އިރު، ސީއެމްއެފްއިން ސެމީގެ އުންމީދު ބޮޑުކޮށްފިއެވެ.

ރޭ ޖުމްލަ ތިން މެޗު ކުޅެފައިވާ އިރު، ފުރަތަމަ ކުޅުނު ގްރޫޕް އޭގެ މެޗުގައި އައްސޭރި ޕްރިޒަން އިން ނުކުތީ ސީއެމްއެފް ސްޕިރިޓާ ދެކޮޅަށެވެ. އެ މެޗު ނިމުނީ 0-0 އިން އެއްވަރު ވެގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސީއެމްއެފް ސްޕިރިޓްގެ ގޯލްކީޕަރު އަލީ ޝަރީފެވެ. މިހާތަނަށް ދެޓީމުވެސް މުބާރާތުގައި ދެމެޗު ކުޅެފައިވާ އިރު، ކޮންމެ ޓީމަކަށްވެސް ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ.

ރޭ ކުޅުނު އަނެއް މެޗަކީ ގްރޫޕް ބީގެ މެޗެކެވެ. އެ މެޗުގައި ޓީމް ޑީޓީއާރްސީން ނުކުތީ ސީއެމްއެފްއާ ދެކޮޅަށެވެ. އެ މެޗު 5-0 އިން ސީއެމްއެފްއިން ކާމިޔާބުކުރި އިރު، މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ދެ ގޯލު ޖެހި އަތުޝަމް އިބްރާހީމެވެ. ރޭގެ މެޗަށް ނުކުތް އިރު، ސީއެމްއެފްއިން އޮތީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުވެސް ކާމިޔާބު ކޮށްފައެވެ. ރޭގެ މޮޅާއެކު އެޓީމަށް ހަ ޕޮއިންޓް ލިބިފައިވާ އިރު، އެޓީމު އޮތީ ތާވަލުގައި އެއްވަނައިގައެވެ.

ގްރޫޕް އޭގައި ރޭ ސްޓެލްކޯ ކްލަބުން ކައުންސިލާ ދެކޮޅަށް ކުޅުނު މެޗު ކައުންސިލުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މާހިދު އަލީއެވެ. މެޗަށް ނުކުތް އިރު، ކައުންސިލުން އޮތީ ފުރަތަމަ ކުޅުނު މެޗުގައި ބަލިވެފައެވެ. އެހެންކަމުން މެޗުން ހޯދި ތިން ޕޮއިންޓާއެކު އެޓީމަށް ވަނީ އުންމީދު އާވެފައެވެ. އަނެއްކޮޅުން ދެ މެޗުން ބަލިވެ، ސްޓެލްކޯ ކްލަބަށް ވަނީ ސެމީގެ ފުރުސަތު އުނދަގޫވެފައެވެ.

މުބާރާތުގެ މެޗުތައް މިރޭވެސް އޮންނާނެއެވެ. މިރޭ އޮންނަ ފުރަތަމަ މެޗަކީ އަންހެން ޑިވިޝަންގެ މެޗެކެވެ. އެ މެޗުގައި އެޗްސީއެސްސީން ނުކުންނާނީ ސީޕީޑީއާ ދެކޮޅަށެވެ. ދެން އޮންނާނީ ފިރިހެން ޑިވިޝަންގެ ދެމެޗެވެ. އޭގެ ތެރެއިން ފުރަތަމަ މެޗުގައި ހިންމަފުށީ ޕޮލިސް ނުކުންނާނީ އައިބީސީއާ ދެކޮޅަށެވެ. އަނެއް މެޗުގައި ސީއެމްއެފް ސްޕިރިޓުން ނުކުންނާނީ ކައުންސިލާ ދެކޮޅަށެވެ.

ހިންމަފުށީގެ ސަރުކާރުގެ އިދާރާތަކާއި އޮފީސްތައް އަދި އަމިއްލަ ކުންފުނިތަކަށްވެސް ބައިވެރިވުމަށް ހުޅުވާލި މިނިވަން ފަރު މުބާރާތް ކުރިއަށްދަނީ ހިންމަފުށީ ރަސްމީ ފުޓްސަލް ދަނޑުގައެވެ. މުބާރާތް ކުރިއަށްގެންދަން މިނިވަން ފަރުން ނިންމާފައިވަނީ މިމަހު 20 އިން 28 އަށެވެ.

މިނިވަން ފަރު އޮފީސް ފުޓްސަލްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ވަން އޮންލައިންއެވެ.