ބ. މާޅޮހުގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެކަމަށްޓަކައި އެރަށުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެ މަޝްރޫއުގެ މަސައްކަތް އިފްތިތާހުކޮށްދެއްވީ އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުއާއި، މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ ޗެއާމަން މުހައްމަދު އަބްދުﷲ އާއި މާޅޮހު ކައުންސިލުގެ ރައީސް އަބްދުﷲ ސުޖާއުގެ އިތުރުން އަތޮޅު ކައުންސިލުގެ ރައީސް އަހުމަދު އަފްރާހުއެވެ.

އެ މަޝްރޫއުގައި ހިމެނޭ ފެނާއި ނަރުދަމާ ނިޒާމުގެ ހޮޅި އެޅުމުގެ މަސައްކަތް މިހާރުވެސް އަންނަނީ ކުރަމުންނެވެ. އަދި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގެ 23 ޕަސެންޓް މަސައްކަތް ވަނީ ނިމިފައެވެ.

އެ މަޝްރޫއުގެ ދަށުން 4.94 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯތު ގާއިމުކުރުމާއި އާރުއޯ ފެސިލިޓީ ބިލްޑިން އިމާރާތްކުރުމާއި ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބެހެއްޓުމާއި ފެން ރައްކާކުރުމަށް ތިން ތާންގީ ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ގޭގޭގައި ފެންމޯޓަރު ބަހައްޓައި ފެނުގެ ކަނެކްޝަން ގުޅައިދީ، ފެން ފޯރުކޮށްދޭނެއެވެ.

އެމްޑަބްލިއުއެސްސީން ބުނީ އެ މަޝްރޫއުގެ ދަށުން މާޅޮހުގައި 4.50 ކިލޯމީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކު ގާއިމުކުރުމާއި، 250 މީޓަރުގެ ޕަންޕިން ލައިން އެޅުމާއި، ދެ ޕަމްޕިން ސްޓޭޝަނާއި އެއް ސީއައުޓްފޯލް ގާއިމުކުރުން ހިމެނޭ ކަމަށެވެ.

ގޭގޭގައި ޖަންގްޝަން ބަހައްޓައި ނަރުދަމާ ކަނެކްޝަން ގުޅައިދީ، އެ ގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށާއި، އެ މަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމު ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލުކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މިއީ 60.45 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެ މަޝްރޫއުގެ މަސައްކަތް ނިމުމުން މާޅޮހުގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ.