އދ ހަންޏާމީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 53 ޕަސެންޓް ނިމިފައިވާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފި އެވެ.

އެ ކުންފުނީން މިއަދު ބުނީ އެއްގަމުތޮށި ލުމަށް ޓަކައި ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތް ވެސް މި މަހުގެ 11 ވަނަ ދުވަހު ފަށާފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 6,363.1 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 204 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، އަދި 266 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުން ހިމެނޭ ކަމަށް އެމްޓީސީސީން ބުނެ އެވެ.

އޭގެ އިތުރުން 160 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، އަދި 1,330 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމުގެ އިތުރުން މަގުބައްތި ހަރުކުރުންވެސް ހިމެނޭ ކަމަށް އެކުންފުނީން ބުނެ އެވެ.

މި މަޝްރޫއަކީ 32.2 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.