ރޭގެ ވަގުތެއްގައި އަވަހާރަވި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރު ހުސެއިން ވަހީދަކީ އެމްޑީޕީގެ ވަރުގަދަ ތަނބެއް ކަމަށް އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ހުސެއިން ވަހީދު އަވަހާރަވީ، ހާލު ގޯސްވެ، އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ރޭގެ ވަގުތެއްގައެވެ.

މެންބަރު ވަހީދުގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެ، ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މެންބަރު ހުސެއިން ވަހީދަކީ ދިވެހި ރާއްޖޭގެ ގިނަ ޕާޓީ އެކުލެވޭ ޑިމޮކްރަސީއަށް އަނބުރައިލުމުގެ ބޮޑު ދައުރެއް އަދާކުރެއްވި އިހުލާސްތެރި ބައިވެރިއެއް ކަމަށެވެ.

"އެއީ އެމްޑީޕީގެ ވަރުގަދަ ތަނބެއް،" ނަޝީދު ސިފަކުރައްވާފައިވެ އެވެ.

މަޖިލިސް ތަޅުމުގައި މަޑުމައިތިރި ބޭފުޅެއްގެ ގޮތުގައި ފާހަގަވާ ހުސެއިން ވަހީދު ވަނީ މި ހިންގާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިތުރުން 17 ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް ހިދުމަތް ކުރައްވައިފައެވެ.