އަންނަ އަހަރުން ފެށިގެން ރާއްޖޭން ފުރާ މީހުންގެ އަތުން ޑިޕާޗާ ޓެކްސް ނަގަން ފަށާނެ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.

ރާއްޖޭގެ އެއާޕޯޓުތަކުން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގަމުން އަންނަ އެއާޕޯޓް ސާވިސް ޗާޖު ނެގުން މިމަހުގެ ނިޔަލަށް ހުއްޓާލައި އާ ޓެކުހެއްގެ ގޮތުގައި ޑިޕާޗާ ޓެކްސް ނަގަން ގާނޫނުގައި ހިމަނަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ ޖުލައި މަހުގެ ފަސް ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.

މީރާ އިން އިއްޔެ ކުރި ޓްވީޓެއްގައި ބުނީ އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ރާއްޖޭން ބޭރަށް ދިއުމަށް ޓިކެޓު ނަގާ ފަރާތްތަކާއި އަންނަ މަހުން ފެށިގެން ރާއްޖޭން ބޭރަށް ދިއުމަށްޓަކައި މިދިޔަ މަހުގެ ފަހުން ޓިކެޓު ނަގާފައިވާ ފަރާތްތަކުންވެސް ޑިޕާޗާ ޓެކްސް ދައްކަން ޖެހޭނެ ކަމަށެވެ.

އެގޮތުން އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ދިވެހި ފަސިންޖަރުންގެ އަތުން ޑިޕާޗާ ޓެކުހުގެ ގޮތުގައި ނަގާނީ 12 ޑޮލަރެވެ. ބިދޭސީ ފަސިންޖަރުންގެ އަތުން ނަގާނީ 30 ޑޮލަރެވެ. ބިޒްނަސް ކްލާހުގައި ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުންވެސް ނަގާނީ 60 ޑޮލަރެވެ.

މީގެ އިތުރުން ފަސްޓް ކްލާހުގައި ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 90 ޑޮލަރު ނަގާއިރު، ޕްރައިވެޓް ޖެޓްގައި ދަތުރުކުރާ ފަރާތްތަކުގެ އަތުން ޑިޕާޗާ ޓެކުހުގެ ގޮތުގައި ނަގާނީ 120 ޑޮލަރެވެ.

ނަމަވެސް ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި ޓްރާންސިޓް ފަސިންޖަރުންނާއި އުމުރުން ދެ އަހަރު ފުރިހަމަ ނުވާ ކުޑަކުދީން، ޑިޕާޗާ ޓެކްސް ނެގުމުން އިސްތިސްނާވާނެއެވެ.