ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އަންނަ އަހަރު އިގުތިސޯދީ ގޮތުން އެންމެ ބާރަށް ކުރިއަރައިގެންދާނެ ގައުމަކަށް ދިވެހިރާއްޖެ ވާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ލަފާކޮށްފިއެވެ.

އޭޝިއާގެ ގައުމުތަކުގެ އިގުތިސޯދީ ކުރިއެރުންތަކާ ގުޅޭގޮތުން އައިއެމްއެފުން އާންމުކޮށްފައިވާ ރިޕޯޓުގައިވާ ގޮތުން ޖީޑީޕީގެ ނިސްބަތުން އަންނަ އަހަރު ރާއްޖެ 13.21 ޕަސަންޓް ކުރިއަރާނެއެވެ. އެންމެ ބާރަށް އިގުތިސޯދު ކުރިއަރާނެ ގައުމެއްގެ ގޮތުގައި ލަފާކޮށްފައި އޮތީ، ޗައިނާގެ ބައެއްގެ ގޮތުގައި ހިންގުމުގެ މިނިވަންކަމެއް ދީފައިވާ މަކާއޯއެވެ. އެތަނުގެ އިގުތިސާދީ ކުރިއެރުން އަންނަ އަހަރު 37.6 ޕަސަންޓުގައި ހުންނާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ރިޕޯޓުގައިވާ ގޮތުން އަވަށްޓެރި އިންޑިއާގެ އިގުތިސޯދު ކުރިއަރާނީ 8.52 ޕަސަންޓުންނެވެ. އަދި ބަންގުލަދޭޝްގެ އިގުތިސޯދު 6.54 ޕަސަންޓުން ކުރިއަރާނެ ކަމަށް ލަފާކޮށްފައިވާ އިރު، ސްރީލަންކާގެ އިގުތިސޯދު 3.30 ޕަސަންޓުން ކުރިއަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އަންނަ އަހަރު ރާއްޖޭގެ އިގުތިސޯދު ބޮޑުތަނުން އިތުރުވާނެ ކަމަށް ލަފާކޮށްފައިވާ އިރު، ކޮވިޑާ ގުޅިގެން ރާއްޖޭގެ އިގުތިސޯދު މިދިޔަ އަހަރު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އެގޮތުން ކޮވިޑާ ގުޅިގެން މިދިޔަ އަހަރު ރާއްޖޭގެ އިގުތިސޯދީ ދުވެލި 33.5 ޕަސަންޓް ދަށަށް ގޮސްފައިވެއެވެ.

މިދިޔަ އަހަރުގެ މެދެއްހާ ހިސާބުން ފެށިގެން ރާއްޖޭގެ އިގުތިސޯދީ ހަރަކާތްތައް އަލުން ފެށުމާ ގުޅިގެން މިއަހަރު ނިމޭއިރު ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން 28.1 ޕަސަންޓާއި 38.5 ޕަސަންޓާ ދެމެދުގެ މިންވަރަކަށް ކުރިއަރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ.