ކެމަރޫންގެ ފުޓުބޯޅަ ފެޑަރޭޝަންގެ ރައީސްގެ މަގާމަށް ސެމިއުލް އެޓޫ އިންތިހާބު ވެއްޖެއެވެ.

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަތަރު ފަހަރު ހޯދާފައިވާ އެޓޫ އެފްއޭގެ ރައީސްގެ މަގާމަށް އިންތިހާބުވީ ހަތަރު އަހަރުގެ ދައުރަކަށެވެ. އިންތިހާބުގައި އެޓޫއާ ވާދަކޮށްފައި ވަނީ ސޭޑޫ ބޮންބޯ ޖޯޔާ އެވެ. އިންތިހާބުގައި ވާދަކުރަން ކުރިން ހަތް ކެންޑިޑޭޓަކު ނަން ހުށަހެޅި ނަމަވެސް އޭގެ ތެރެއިން ފަސް ކެންޑިޑޭޓަކު ވަނީ މިއަދު ހެނދުނު ނަން ނަގާފައެވެ.

އުމުރުން 40 އަހަރުގެ އެޓޫގެ ވިސްނުން ހުރީ އެގައުމުގެ ފުޓުބޯޅަ ވަރަށް ބޮޑަށް ބަދަލުކޮށް، ރިފޯމް ކުރުމަށް ކަމަށް ކުރިންވެސް ވަނީ ބުނެފައެވެ. އެޓޫގެ އެންމެ ބޮޑު ވައުދަކީ ފުޓުބޯޅަ ކުޅުންތެރިންނަށް ހާއްސަ ޕޮލިސީތަކެއް އެކުލަވައިލުމެވެ. އޭނާ ބުނެފައި ވަނީ ފުޓުބޯޅަ ކުޅުންތެރިންނަކީ އެންމެ އިސް ބަޔަކަށް ވާން ޖެހޭނެ ކަމަށާއި، ކުޅުންތެރިން ޑިސިޕްލިން ވާނީ އެކަށޭނެ މުސާރައެއް ފުޓުބޯޅައިން ލިބިގެން ކަމަށެވެ.

އޭގެ އިތުރުން އެޓޫ ވަނީ އޭނާގެ ހަތަރު އަހަރުގެ ދައުރުގައި ކެމަރޫންގައި އިތުރު 10 ސްޓޭޑިއަމް ގާއިމު ކުރަން ވައުދުވެފައެވެ. އެޓޫ ބުނެފައި ވަނީ އެކަމަށް ބޭނުންވާ އިންވެސްޓަރުން މިހާރުވެސް އެކުގައި މަސައްކަތް ކުރަން ތައްޔާރަށް ތިބި ކަމަށާއި، ވަރަށް އަވަހަށް މަސައްކަތްތައް ފަށަން ގަސްދުކުރާ ކަމަށެވެ.

ކުރިން އިންޓަ މިލާންގެ އިތުރުން ބާސެލޯނާ އަދި ޗެލްސީގައިވެސް ކާމިޔާބީތައް ހޯދާފައިވާ މޮޅު ފޯވަޑް އެޓޫ އެފްއޭގެ ރައީސް ކަމަށް އައުމާއެކު ކެމަރޫން އެފްއޭއަށް ވަނީ މީޑިއާގެ ބޮޑު ސަމާލުކަމެއް ހުއްޓިފައެވެ. ހާއްސަކޮށް ކުރިއަށް އޮތް އެފްރިކަން ކަޕް ކެމަރޫން ގައި އޮތުމުން އެޓޫއަށް ހުއްޓޭ ސަމާލުކަން ބޮޑެވެ. އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫންގައި ހޯސްޓް ކުރާނީ އަންނަ ޖެނުއަރީ އަދި ފެބްރިއަރީ މަހުގައެވެ.

އެޓޫއަކީ ކެމަރޫންގެ ގައުމީ ޓީމަށް އެންމެ ގިނަ ގޯލް ޖަހައިދީފައިވާ ކުޅުންތެރިޔާއެވެ. 1996 ވަނަ އަހަރު އެޓޫ ރެއާލް މެޑްރިޑާ ގުޅުނީ އުމުރުން 16 އަހަރުގައެވެ. އޭގެ އިތުރުން ސްޕެނިޝް ލީގުގެ އެކި ކްލަބުތަކަށް އެޓޫ ކުޅެފައިވާ އިރު، ދެން އެންމެ ފާހަގަކޮށްލެވުނީ އޭނާ 2004 ވަނަ އަހަރު ބާސާއަށް ދިޔަ ދިޔުމެވެ. ބާސާއާއެކު 2006 ވަނަ އަހަރު އަދި 2009 ވަނަ އަހަރު އެޓޫ ޗެމްޕިއަންސް ލީގު ނެގީ އެ ދެ އަހަރު ފައިނަލްގައިވެސް ގޯލު ޖަހައިގެންނެވެ.

އެޓޫ ވަނީ 2000 ވަނަ އަހަރު އަދި 2002 ވަނަ އަހަރު އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ކެމަރޫންއާއެކު ކާމިޔާބު ކޮށްފައެވެ. އެ މުބާރާތުގައި އެޓޫ 18 ގޯލު ޖަހައިފައިވާ އިރު، އެއީ މުބާރާތުގެ ތާރީހުގައިވެސް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ.