އެންމެ ގިނަ އަދަދަކަށް ކަޅުބިލަމަސް ގަނެފައިވާ ކުންފުންޏަށް ދޭ އެވޯޑް, ސަރުކާރުގެ މަސް ކުންފުނި, މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އަށް ލިބިއްޖެއެވެ.

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ރޭ ކ. ގާފަރުގައި ބޭއްވި ރަސްމިއްޔާތުގައި މަސްވެރިކަމާ ގުޅޭ އެވޯޑުތައް ދީފައިވާ އިރު, އެވޯޑުތައް ހަވާލުކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

އެގޮތުން އެންމެ ގިނައިން ކަޅުބިލަމަސް ގަތް ކުންފުނީގެ އެވޯޑާ މިފްކޯގެ ފަރާތުން ހަވާލުވެވަޑައިގަތީ އެ ކުންފުނީގެ ސީއީއޯ އިސްމާއިލް ފައުޒީއެވެ.

އެންމެ ގިނައިން ބޮޑުކަންނެލި ގަތް ކުންފުނީގެ އެވޯޑް ލިބުނީ އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑަށެވެ. އެ ކުންފުނީގެ ފަރާތުން އެވޯޑާ ހަވާލުވެވަޑައިގަތީ މެނޭޖިން ޑިރެކްޓަރު އަބްދުލް ވާހިދު ތައުފީގެވެ.

ރާއްޖޭން މަހާއި މަހުގެ ބާވަތްތައް ރޯމެޓީރިއަލްގެ ގޮތުގައި ބޭރުކުރުން ފިޔަވައި, އަގު އެއްކޮށްގެން އެންމެމަތީ އާމްދަނީ ހޯދި ކުންފުނީގެ އެވޯޑު ހޮރައިޒަން ފިޝަރީޒަށް ލިބުނު އިރު, އެންމެ ގިނަ އަދަދަކަށް ފާނަ އަދި ފަރުމަސް ގަނެފައިވާ ކުންފުނީގެ އެވޯޑު ލިބިފައި ވަނީ ސީ ޕާޓްނާސް މޯލްޑިވްސް އަށެވެ.

ރޭގެ ރަސްމިއްޔާތުގައި މެރިން ސައިންސް މާއްދާއިން އެއްވަނަ, ދެވަނަ އަދި ތިން ވަނަ ހޯދި ސްކޫލުތަކަށާއި އެންމެ ގިނަ އަދަދަކަށް ކަޅުބިލަމަހާއި ބޮޑުކަންނެލި ކިރުވި އުޅަނދުތަކަށްވެސް އެވޯޑު ދީފައިވެއެވެ.

އޭގެ އިތުރުން ކ. އަތޮޅުން ހޮވާލެވޭ މިހާރުވެސް މަސްވެރިކަން ކޮށްއުޅޭ ތަޖުރިބާގެ ގޮތުން އެންމެ ފާހަގަކޮށްލެވޭ ކެޔޮޅަށާއި ޒުވާން ކެޔޮޅަށްވެސް އެވޯޑު ދީފައިވެއެވެ.

ރޭގެ ރަސްމިއްޔާތުގައި މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ފާހަގަކޮށްލެވޭ ހިދުމަތްތަކެއް ކޮށްދީފައިވާތީ, ދެ ފަރާތަކަށް އެވޯޑު ދީފައިވެއެވެ. އެއީ އެންސިސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަސީމް އިސްމާއިލް އަށާއި އުމަރު ޖަމާލަށް އެވޯޑު ދީފައިވެއެވެ.