މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން އިސްނަގައިގެން "ސޭފްޓީ ރަން"ގެ ނަމުގައި ހުޅުމާލޭގައި ދުވުމެއް ބާއްވަން ނިންމައިފި އެވެ.
އެމްޕީއެލް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ ސީއީއީ ޝާހިދު އަލީ ވިދާޅުވީ އެކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންނާއި އެ ކުންފުންޏާ ގުޅިގެން މަސައްކަތް ކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ކޮންމެ އަހަރަކުވެސް ސޭފްޓީ ޕްރޮގްރާމެއް ހަފުތާއަކަށް ދެމިިގެންދާ ގޮތަށް ކުރިއަށް ގެންދާ ކަމަށެވެ.
އެގޮތުން މިއަހަރު 5ކޭ ދުވުމެއް ގޮތުގައި މިހަރަކާތް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި "ސޭފްޓީ ރަން"ގެ ނަމުގައި މި ދުވުން ހުޅުމާލޭގައި ކުރިއަށް ގެންދަން މިހާރު ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ މި ދުވުމުގައި ބޭނުންކުރާ ކިޓާއި، ޓީޝާޓުފަދަ ތަކެތި ވިއްކައިގެން ލިބޭ ފައިސާ، އެޑްވޮކޭޓް އޮފް ދަ ރައިޓްސް އޮފް ޗިލްޑްރަންސް (އާރކް) އަށް ހަދިޔާ ކުރުމަށް އެ ކުންފުނިން ނިންމާފައިވާ ކަމަށެވެ. އަދި އާރކް އިން މި ހަރަކާތް އިޝްތިހާރުކޮށްދޭނެ ކަމަށްވެސް ވިދާޅުވި އެވެ.
"މުޅި ރާއްޖޭގެ ހުރިހާ އެންމެންނަށްވެސް ސަލާމަތާއި ރައްކާތެރި ކަމަކީ ކޮބައިކަން އަންގައިދޭ މި ހަރާކތުގައި ހިމެނޭ ކަމެއް މީ ދުވުމަކީ. މި ދުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ކިޓާއި ޓީޝާޓު އަދި މެޑަލް ވިއްކައިގެން ލިބޭ ފައިސާ އަޅުގަނޑުމެން ޗެރިޓީއެއް ގޮތަށް އާރކް އަށް މި ހަދިޔާ ކުރަނީ." އޭނާ ވިދާޅުވި އެވެ.
ޕޯޓުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެންމެ ފުރަތަމަ "ސޭފްޓީ ވީކް" އިފްތިތާހު ކޮށްފައިވަނީ 2019 ވަނަ އަހަރުގަ އެވެ.
އެމްޕީއެލް އިން ބުނީ ހުޅުމާލޭގައި ބާއްވާ ދުވުމުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ޝިއާރުތަކާއި ލޯގޯތައް ބޭނުން ކުރާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން އާންމު ރައްޔިތުންވެސް މިކަމަށް ވަރަށް ބޮޑަށް ހޭލުންތެރިވެގެންދާނެ ކަމަށެވެ.
އެމްޕީއެލް އިން މި ދުވުން ބާއްވާނެ ތާރީހެއް އަދި އިއުލާންކޮށްފައި ނުވާއިރު އެ ކުންފުނިން ބުނީ މި ދުވުމާ ބެހޭ އިތުރު މައުލޫމާތުތައް ފަހުގެ ތާރީހެއްގައި އިއުލާން ކުރާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު