އެވިޑް ކޮލެޖުން ފްރާންސް ބަސް ކިޔަވައިދޭން ފަށަން ތައްޔާރުވެއްޖެއެވެ.

އެވިޑް ކޮލެޖުން މިއަދު ބުނީ، އެ ކޮލެޖުން ފްރާންސް ބަހުގެ އެކި ފެންވަރުގެ ސަނަދުތަަކަށް ބިނާކޮށްގެން ކިޔަވައިދޭން އިލްމީ އަދި ފަންނީ އެހީތެރިކަން ހޯދުމުގެ ގޮތުން ރާއްޖޭގައި ހުންނަ ފްރާންސްގެ އެލަޔަންސް ފެރެންސައިޒާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

އެވިޑް ކޮލެޖުގެ ޑައިމަންޓް ކެމްޕަސްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި އެވިޑް ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ އެ ކޮލެޖުގެ ރެކްޓަރު ޑރ. ނުނީނާ ރަޝީދެވެ. ފްރާންސް އެލަޔަންސްގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ޑައިރެކްޓަރު ޑިމިތްރީއެވެ.

މި އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ތަނުގައި ފަރަންސޭސި ބަސް ކިޔަވައިދޭ ކުރު މުއްދަތުގެ ކޯސްތަކުގެ ގޮތުގައްޔާއި އެކި ފެންވަރުގެ ސަނަދުތަކަށް ބިނާކޮށްގެން ކިޔަވައިދޭން ފަށާނެ ކަމަށް އެވިޑް ކޮލެޖުން ބުންޏެވެ.

އެވިޑް ކޮލެޖުގެ މާކެޓިން ހެޑް މުހައްމަދު ޝަރީފް "ވަން"އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، އެވިޑް ކޮލެޖުން މަސައްކަތްކުރަނީ އަންނަ މަހު ކޯސްތައް އިއުލާންކުރުމަށް ކަމަށާއި ވަރަށް އަވަހަށް ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ކޯސްތައް ބޮޑަށް އަމާޒު މިކުރަނީ ހޮސްޕިޓާލިޓީ ދާއިރާގައި އުޅޭ ފަރާތްތަކަށް،" ޝަރީފް ވިދާޅުވިއެވެ.

އެލަޔަންސް ފެރެންސައިޒްގެ ލަފަޔާއެކު ފަރެންސޭސި ބަސް ކިޔަވައިދޭން ކޯސްތައް ކުރިއަށްގެންދާނީ އެވިޑް ކޮލެޖުގެ ފެކަލްޓީީ އޮފް އާޓްސް އެންޑް ލިޓްރޭޗާއިންނެވެ.