ކ. ރަސްފަރީ ފަރަށް ޕެނަމާގެ "އެމްވީ ނެވިއޯސް އެމެރައިލިސް" ބަލްކް ކެރިއާ ބޯޓު އެރުމުގެ ސަބަބުން ފަރަށް ލިބުނު ގެއްލުމާއި ޖޫރިމަނާގެ ގޮތުގައި އެ ބޯޓުން ދެއްކި ފައިސާއިން ބައެއް ފަރުގެ ދިރުން އަލުން އިއާދަކުރަން ހަމަޖެއްސުން މުހިންމު ކަމަށާއި އެ މަސައްކަތަށް ދެ އަހަރު ނަގާނެ ކަމަށް އެންވަޔަރަމެންޓު ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.

އިންޑިއާގެ ޓުޓިކޮރިން ބަަނދަރުން ފުރައިގެން ސައުތު އެފްރިކާއަށް ދަތުރު ކުރަމުންދިޔަ "ނެވިއޯސް އެމެރައިލިސް" މިދިޔަ އޯގަސްޓް މަހުގެ 17 ގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ، ރަސްފަރީ ފަރުގެ 12 ނޯޓިކަލް މޭރު ދުރުގައި އޮއްވައި، އިންޖީނު ހުއްޓިގެން އެރަށު ފަރަށް އެރީ އެ މަހުގެ 19 ވަނަ ދުވަހުއެވެ. އަދި 150 ޓަނާއި 50 ޓަނުގެ ދެ ޓަގު ބޯޓު ބޭނުންކޮށްގެން، ފަރަށް އުރުނު އާގު ބޯޓު ފުންކޮށްފައިވަނީ އެ މަހުގެ 29 ވަނަ ދުވަހުގައެވެ.

އެންވަޔަރަމަންޓް މިނިސްޓްރީ އާއި ޓްރާންސްޕޯޓް އޮތޯރިޓީން ބޯޓުގެ ވެރިފަރާތާއެކު މަޝްވަރާކޮށް، ފަރަށް ލިބުނު ގެއްލުން އިއާދަކުރުމަށް ކުރަންޖެހޭ މަސައްކަތަށް ބޭނުންވާ 10 މިލިއަން ޑޮލަރު (154 މިލިއަން ރުފިޔާ)، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ޕަބްލިކް އެކައުންޓަށް މިހާރު ވަނީ ޖަމާކޮށްފައެވެ.

އީޕީއޭގެ ޑިރެކްޓާ އިބްރާހީމް ނައީމު މިއަދު ހަވީރު "ވަން" އަށް ވިދާޅުވީ، ބޯޓު ފަރަށް އެރުމުގެ ކުރިން އޮތް ހާލަތަށް ފަރުގެ ދިރުންތައް އިއާދަކުރަން ދެ އަހަރުވަރު ނަގާނެ ކަމަށާއި އެ ބޯޓުން ދެއްކި 10 މިލިއަން ޑޮލަރުގެ ތެރެއިން ބައެއް ފަރަށް ލިބުނު ގެއްލުން އިއާދަކުރަން ބޭނުންވާނެ ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން ސަރުކާރާ މަޝްވަރާކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

ނައީމު ވިދާޅުވީ، ރަސްފަރީ ފަރުގެ ދިރުންތައް އިއާދަކުރުމުގެ މަސައްކަތް އެ އެޖެންސީން ކުރާއިރު މުވައްޒަފުން ދަތުރުކުރަން ވެސް ޖެހޭނެ ކަމަށާއި އެހެންކަމުން ޖޫރިމާނާގެ ގޮތުގައި ލިބޭ ފައިސާ އެކި ކަންކަމަށް ބަޖެޓުކުރަން ޖެހޭނެ ކަމަށެވެ.

ރަސްފަރި ފަރަކީ ހިމާޔަތްކޮށްފައިވާ ގުދުރަތީ ދިރުންތައް ގިނަ ފަރަކަށްވުމުން އެ ފަރަށް ވަނީ ބޮޑެތި ގެއްލުންތަކެއްވެފައެވެ. އީޕީއޭއިން މީގެ ކުރިން ބުނެފައިވަނީ، ފަރަށް ލިބުނު ގެއްލުން ބެލިއިރު ފަރުގެ 8،867 އަކަމީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށާއި އެ ސަރަހައްދުތަކުގައި ހުރި މުރަކަތަކާއި އެހެނިހެން ގިނަ އަދަދެއްގެ ދިރުންތައް ވެސް މަރުވި ކަމަށެވެ.