ބޭންކް އޮފް މޯލްޑިވްސް އިން ރާއްޖޭގެ އެންމެ ކުޑަ ރޭޓްގައި ހޯމް ލޯން ދޫކުރަން ނިންމައިފިއެވެ.

ބީއެމްއެލް އިން ހޯމް ލޯންގެ ރޭޓް ނުވަ ޕަސެންޓަށް ދަށްކޮށްފައިވާއިރު، މިއީ ރާއްޖޭގައި ހޯމް ލޯން ދޫކުރާ އެންމެ ކުޑަ ރޭޓެވެ.

ބީއެމްއެލް އިން މިއަދު ބުނީ، ކަސްޓަމަރުން އަލަށް އެދި ހުށަހަޅާ ލޯނާއި އެހެން މާލީ އިދާރާއަކުން ނަގާފައިވާ ލޯނެއް ރީފައިނޭންސް ކުރުމަށް އެދި ހުށަހެޅުމުން މިހާރު ކަނޑައަޅާފައިވާ ކުޑަ ރޭޓުގައި ލޯނު ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ބީއެމްއެލް ހޯމް ލޯން މެދުވެރިކޮށް ކަސްޓަމަރުންނަށް ރާއްޖޭގެ ކޮންމެ ރަށަކުންވެސް އެޕާޓްމަންޓް ނުވަތަ ރޯހައުސް ގަނެވޭނެ ކަމަށާއި، އަދި މި ލޯން އަނބުރާ ދެއްކުމަށް 20 އަހަރުގެ މުއްދަތެއް ލިބޭނެ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވީ މިވަގުތު ބޭންކު މިއޮތީ ލޯން ޕޯޓްފޯލިއޯގައި ހިމެނޭ ލޯނުތަކެއްގެ ރޭޓް ދަށްކުރެވޭނެ ހާލަތެއްގައި ކަން އުފަލާއެކު ފާހަގަކުރާ ކަމަށެވެ. އަދި ދިވޭހިރާއްޖޭގައި އެންމެ ކުޑަ އިންޓަރެސްޓް ރޭޓުގައި ބޭންކުން ހޯމް ލޯނު ދޫކުރަން ހަމަޖެހުމާއެކު ގެދޮރު ގަތުމަށް ބޭނުންވާ ކަސްޓަމަރުންނަށް މިކަމުގެ ސަބަބުން އެކަށީގެންވާ އަދަދެއްގެ ފައިސާ ފަހަށް ރައްކާކުރެވިގެންދާނެ ކަމަށެވެ. ހަމަ އެހެންމެ ކިޔަވާ ލޯނުގެ ރޭޓް ދަށްކޮށް ލައިފް ސްޓައިލް ލޯނުގެ ޝަރުތުތަކަށްވެސް ހެޔޮ ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ޓިމް ވިދާޅުވިއެވެ.

ބީއެމްއެލް އިން އިތުރަށް ބުނީ، މަތީ ތައުލީމު ހާސިލްކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ދޫކުރާ ކިޔަވާ ލޯނުގެ ރޭޓްވެސް ނުވަ ޕަސެންޓަށް ދަށްކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން ލައިފް ސްޓައިލް ލޯނުގެ ޝަރުތަކަކަށް ބަދަލުގެނެސް ކަސްޓަމަަރަށް ލިބޭ ހުރިހާ އާމްދަނީއަކަށް ބަލައި ލައިފް ސްޓައިލް ލޯނު ދޫކުރާ ގޮތަށްވެސް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

އަލަށް ކަނޑައެޅި ރޭޓްތަކަށް އަމަލުކުރަމުންދާނީ މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ކަމަށް ބީއެމްއެލް އިން ބުންޏެވެ. އިސްލާމިކް އިން ޝަރީއާ ހަމަތަކުގެ މަތިން ދޫކުރާ ފައިނޭންސިން ޕްރޮޑަކްޓްތަކަށްވެސް މި ބަދަލުތައް ގެނެސްފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ..

އެގޮތުން ކަސްޓަމަރުންނަށް ލޯނަށް އެދި ހުށަހެޅުން އިތުރަށް ފަސޭހަ ކުރުމުގެ ގޮތުން ރަހުނަކާ ނުލައި ދޫކުރާ ހުރިހާ ޕާސަނަލް ލޯނުތަކަށް އިންޓަނެޓް އަދި މޯބައިލް ބޭންކިންގ މެދުވެރިކޮށް ހުށަހެޅޭ ގޮތް ހަމަޖައްސާފައިވާ ކަމަށްވެސް ބީއެމްއެލް އިން ފާހަގަކުރިއެވެ. އެގޮތުން ވެހިކަލް ލޯނު، ލައިފްސްޓައިލް ލޯނު އަދި ގްރީން ލޯނަށްވެސް މިހާރު އޮންލައިންކޮށް އެދި ހުށަހެޅޭނެ ކަމަށެވެ.