ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންއެސްޔޫ)ގެ ދިހަވަނަ ދައުރުގެ ހިންގާ ކޮމިޓީ އިފްތިތާހުކޮށްފިއެވެ.

ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފްއީ) އޮޑިޓޯރިއަމްގައި މިކަމަށްޓަކައި މިއަދު ބޭއްވި ހާއްސަ ހަފުލާގައި އެމްއެންއެސްޔޫގެ ދިހަވަނަ ދައުރު އިފްތިތާހުކޮށްދެއްވީ ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒެވެ. އެ ހަފުލާގައި އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަރީފާއި ޑެޕިއުޓީ ވައިސް ޗާންސެލަރުންނާއި ޑީނުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ރަސްމިއްޔާތުގައި ދިހަވަނަ ދައުރުގެ ހިންގާ ކޮމިޓީގެ މެމްބަރުން ވަނީ އެމީހުންގެ މަގާމުތަކާ ވެސް ހަވާލުވެފައެވެ. އެ ކޮމެޓީ ރައީސަކީ ހުސައިން ޒައިދެވެ.

އިލްމީ ދާއިރާގެ ނައިބު ރައީސަށް އަހުމަދު އިޔާޒް ހޮވިފައިވާ އިރު، ގޮފިތަކުގެ ނައިބު ރައީސަކީ ޖައިޝް އަލީ ވަހީދެވެ. އިތުރު ހަރަކާތްތަކުގެ ނައިބު ރައީސަކަށް ހޮވުނީ ސުއައިދު ޔޫނުސްއެވެ. އަދި ހަޒާންދާރަކަށް ހޮވުނީ މުހައްމަދު އަހުނަފެވެ.

މީޑިއާ ކޯޑިނޭޓަރަކަށް ހޮވިފައިވަނީ އަބްދުﷲ އަތޫފް އާތިފެވެ. އަދި ސެކެޓްރީއަކަށް މަނާލް އަހުމަދު ހޮވުނު އިރު، އެސިސްޓެންޓް ސެކެޓްރީއަކަށް ހޮވުނީ ނަޖީލާ މޫސާ ނައީމެވެ.