ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދާންމަތިވެފައިވާ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް)ގެ ފަރާތުން 20 ހޮސްޕިޓަލު އެނދު ހަދިޔާކޮށްފިއެވެ.

އާކުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެނދު ހަދިޔާކުރީ މިއަދު ފާހަގަކުރާ ބައިނަލްއުގުވާމީ ނުކުޅެދޭ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ.

އާކުން ނެރުނު ބަޔާނެއްގައި ބުނީ މިއަދު ހަދިޔާކުރި އެނދުތަކުގެ ސަބަބުން އެކުދިންގެ އާންމު ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށާއި އެކުދިންގެ އާއިލާއަށް އަދި ތައުލީމު ފޯރުކޮށްދިނުމުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއެކު މަސައްކަތްކުރާ ޓީޗަރުންނަށް ވެސް އެކަމުގެ ސަބަބުން ފަސޭހަވެގެންދާނެ ކަމަށެވެ.

ބައިނަލްއުގުވާމީ ނުކުޅެދޭ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު އާކުން ވަނީ ހުޅުމާލޭ ގާޒީ ސްކޫލުގެ ދަރިވަރަކަށް ވެސް އެނދު ހަވާލުކޮށްފައެވެ.

އެ އެނދު ހަވާލުކޮށްދެއްވަމުން އާކުން ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންގެ ލާބައާއި މަންފާއަށް ކޮށްދެއްވާ މަސައްކަތަށް އެޑިއުކޭޝަން މިނިސްޓްރީގެ ނައިބު މުހައްމަދު އިހުސާން ވަނީ ޝުކުރު އަދާކޮށްފައެވެ.