ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަތޮޅުތެރޭގައި ކުރަމުންދާ އިންެވެސްޓްމަންޓް އިތުރަށް ފުޅާކުރުމުގެ ގޮތުން ގއ. ދެއްވަދޫގައި ސެލްފް ސާވިސް އޭޓީއެމްގެ ހިދުމަތް ތައާރަފުކޮށްފިއެވެ.

އެ ހިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެއެވެ.

ބީއެމްއެލުން ބުނީ، މި ފެށި އޭޓީއެމް ހިދުމަތާއެކު މިވަގުތު ގއ. އަތޮޅު ވިލިނގިލީގައި ބްރާންޗް އަދި ސެލްފް ސާވިސް ބޭންކިން ހިދުމަތް ދެމުންދާ ކަމަށެވެ. އޭގެ އިތުރުން ގއ. އަތޮޅުގެ އިތުރު ހަތް ރަށެއްގައި ސެލްފް ސާވިސް އޭޓީއެމް ސެންޓަރުތައް ގާއިމުކޮށްފައިވާ ކަމަށް ބުންޏެވެ. އެ ރަށްތަކަކީ ދެއްވަދޫ، ކޮލަމާފުށި، ދާންދޫ، މާމެންދޫ، ނިލަންދޫ، ގެމަނަފުށި، އަދި ކޫއްޑޫ އެވެ.

މިކަމާ ގުޅިގެން ބީއެމްއެލް ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފުޅާކުރުމަށް ބޭންކުން ނުހަނު ބޮޑަށް މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

"ދެއްވަދޫގައި އޭޓީއެމްގެ ހިދުމަތް މިއަދު ފެށިގެންދާކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. މި އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ބޭންކިން ހިދުމަތް ހޯދުމަށް އިތުރު ލުއި ފަސޭހަކަމެއް ލިބިގެންދާނެ." ސޯޔާ ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 75 ސެލްފްސާވިސް ބޭންކިން ސެންޓަރު، 136 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުންޏެވެ.