ސްޓެލްކޯއިން އެސެމްބަލްކުރި ޖަނަރޭޓަރަކާއެކު ވ. ތިނަދޫ އާ އިންޖީނުގެއިން ހިދުމަތްދޭން ފަށައިފިއެވެ.
ސްޓެލްކޯއިން މިއަދު ބުނީ، ތިނަދޫ އިންޖީނުގެއިން ހިދުމަތް ދޭން ފަށާފައިވަނީ ސްޓެލްކޯގެ ސްޓެވޯ ވޯކްޝޮޕުން އެސަމްބަލްކުރި ޖަނަރޭޓަރުތަކުގެ ތެރެއިން stw500 މޮޑެލްގެ މުޅިން އާ ޖަނަރޭޓަރަކާއެކުގައި ކަމަށެވެ. އެ ޖަނަރޭޓަރަކީ ސްޓެވޯއިން މިހާތަނަށް އެސަމްބަލްކުރި ޖަނަރޭޓަރުތަކުގެ ކޮމިޝަންކޮށް ބޭނުންކުރަން ފެށި ފުރަތަމަ ޖަނަރޭޓަރެވެ.
މިވަގުތު ތިނަދުއަށް އެ ޖަނަރޭޓަރުން ހިދުމަތް ދެމުންގެންދާ އިރު، އެ އާ ޖަނަރޭޓަރާއެކު ތިނަދޫގެ ކަރަންޓު ކެޕޭސިޓީ 1136 ކިލޯވޯޓަށް އިތުރުކުރެވިފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ. މީގެ ކުރިން ތިނަދޫގެ ކަރަންޓު ކެޕޭސިޓީއަކީ 656 ކިލޯވޯޓު ކަމަށް ވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ. ތިނަދޫގެ ކުރީގެ އިންޖީނުގޭގައި ބޭނުންކުރަމުން އައި ޖަނަރޭޓަރު އާ އިންޖީނުގެއަށް ބަދަލުކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.
ސްޓެލްކޯއިން ބުނީ، ތިނަދޫގެ ކުރީގެ އިންޖީނުގޭގެ ޖަނަރޭޓަރު އާ އިންޖީނުގެއަށް ބަދަލުކުރެވުމުން ކުރީގެ އިންޖީނުގެ ބޭނުންކުރުން އެއްކޮށް ހުއްޓާލާނެ ކަމަށާއި ތިނަދޫ އާ އިންޖީނުގެ ބޭނުންކުރަން ފަށާފައިވަނީ ކަރަންޓު ޑިސްޓްރިއުބިޝަން ނެޓްވޯކް އަޕްގްރޭޑު ކުރުމަށްފަހު ކަމަށެވެ. މީގެ އިތުރުން ތިނަދޫ އިންޖީނުގޭގައި ސޯލާ އިންސްޓޯލް ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށާއި އެގޮތުން 20 ކިލޯވޯޓުގެ ސޯލާ އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު