ށ. ޅައިމަގު "ކުރިމަގު 1" ބޯޓުގައި މަސައްކަތް ކުރަން އުޅުނު ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ ލުތުފަރު މަރާލައި އޭނާގެ ހަށިގަނޑު ކަނޑުފެއްތި މައްސަލައިގައި ދައުލަތުން ދައުވާކުރާ މީހުންގެ ތެރޭގައި ހިމެނޭ ބަންގުލަދޭޝްގެ އަކްތަރު ހުސެއިން ރޭ ފަތިހު މަރުވެއްޖެއެވެ.

ކަރެކްޝަނުން މިއަދު ބުނީ، އަކްތަރު މަރުވެފައިވަނީ ތާސް ކުޅެން ހުއްޓައި އޭނާގެ މެޔަށް ތަދުވެ، ނޭވާލާން އުނދަގޫވާން ފެށުމުން އައިޖީއެމްއެޗްއަށް ގެންގޮސް އެމަޖެންސީގައި ފަރުވާދެމުން ދަނިކޮށް ކަމަށެވެ.

އަކްތަރު މަރުވީ ހާޓް އެޓޭކެއް ޖެހުމުގެ ސަބަބުން ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ކަރެކްޝަނުން ވަނީ ބުނެފައެވެ. އަކްތަރަކީ ޝަރީއަތް ނިމެންދެން މާލޭ ޖަލުގައި ބަންދުކޮށްފައި ހުރި މީހެކެވެ.

އޭނާ ހޮސްޕިޓަލަށް ގެންދިއުމާ ގުޅިގެން ކަރެކްޝަނުން ވަނީ އެކަން އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް، ފުލުހުން، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަންގައިފައެވެ.

ދެހާސް ނަވާރަވަނަ އަހަރުގެ އޭޕްރީލް މަހު ގެއްލިގެން ހޯދަމުން ދަނިކޮށް ލުތުފަރުގެ ހަށިގަނޑު ފެނުނީ ޅައިމަގު ކަނޑު ބޭރަށް ފައްތާފައި ވަނިކޮށެވެ. ފެނުނުއިރު ކަށިތައް ފިޔަވައި އިތުރު އެއްޗެއް ނެތެވެ. އެ މައްސަލައިގައި ދައުލަތުން ދައުވާ ކުރަނީ އަކްތަރުގެ އިތުރުން އަލަމިން އާއި ނޫރުލް އިސްލާމްގެ މައްޗަށެވެ. އެ ތިން މީހުންނަކީ ވެސް ބަންގުލަދޭޝްގެ ރައްޔިތުންނެވެ.