އެކައުންޓިން ދާއިރާ ހަރުދަނާވެ، ފުޅާވި ވަރަކަށް ކޮރަޕްޝަނަށް ހުޅުވޭ ދޮރުތައް ހަނިކުރުމަށް މަގުފަހިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ޗާޓަޑް އެކައުންޓެންޓުންގެ ފޯރަމް އިފްތިތާހުކުރުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ރައީސް ސޯލިހު މިރޭ ވިދާޅުވީ، ރާއްޖޭގެ އިގުތިސޯދަށް އަންނަ ކުރިއެރުމާއެކު، ބޭންކިން ދާއިރާއާއި އިގުތިސޯދީ ސިނާއަތުގައި އެކައުންޓެންސީ ދާއިރާގެ ވަރަށް ގިނަ ވަޒީފާތައް މިހާރުވެސް އުފެދެމުން އަންނަ ކަމަށާއި ދައުލަތާއި ޕްރައިވެޓް ސެކްޓާގެ މާލީ ކަންކަމާއި ޓެކްސްގެ ކަންކަން ބަލަހައްޓާނެ އެކައުންޓެންޓުންނާއި އޮޑިޓަރުންގެ ދައުރު އިތުރަށް ފުޅާކުރުމުގެ ބޭނުންތެރިކަން މިހާރު ބޮޑުވެފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ، އެކައުންޓިންގެ ދާއިރާއިން މީހުން ބިނާކުރުމަކީ މުހިންމު ކަމެއް ކަމަށާއި ރާއްޖޭގެ ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ނަމުގައި، މިދިޔަ އަހަރު ގާނޫނެއް ހަދައި އަމަލުކުރަން ފެށީ އެކައުންޓެންސީ ޕްރޮފެޝަން ކުރިއަރުވައި ތަރައްގީކުރުމަށް ކަމަށެވެ.
އެކައުންޓިން ދާއިރާއަކީ ހެޔޮ ވެރިކަމުގެ ނިޒާމާ ގުޅިފައިވާ ދާއިރާއެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ ދާއިރާ ހަރުދަނާވެ ފުޅާވި ވަރަކަށް، ޕްރައިވެޓް އަދި ޕަބްލިކް ސެކްޓާގެ ދެފުށް ފެންނަ މިންވަރު އިތުރުވެގެންދާނެ ކަމަށެވެ.
"ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރެއިން، ކޮރަޕްޝަނަށް މަގުފަހިވާ ދޮރުތައް ހަނިކުރެވި، ނަޒާހަތްތެރިކަމުގެ ސިފަ އަށަގަތުމަށް ވަރަށް ބޮޑު ބާރަކަށް ވެގެންދާނެ." ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، އެކައުންޓިންގެ މަސައްކަތަކީ ދައުލަތުގެ މުޅި ނިޒާމު އޭގައި ލާމެހިފައިވާ މަސައްކަތެއް ކަމަށެވެ. އެގޮތުން ސަރުކާރާއި އަމިއްލަ ވިޔަފާރިތަކާއި ދައުލަތުގެ ބޭންކިން ނިޒާމާއި ވިޔަފާރިތަކާއި މުޅި އިގުތިސޯދީ ނިޒާމު އޭގައި ޝާމިލުވާ މަސައްކަތެއް ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު