އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި، ޑޯނިއާ މަތިންދާބޯޓު ދުއްވުމުގައި ދިވެހި ސިފައިންގެ ދެ ޕައިލެޓުން ހަރަކާތްތެރިވާން ފަށައިފިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ބޯޓު ދުއްވުމުގައި ހަރަކާތްތެރިވާން ފެށި ފްލައިޓް ލެފްޓިނެންޓް އިބްރާހިމް ޝަރީފާއި ލެފްޓިނެންޓް އަހުމަދު އަލީއަށް ކޯސްޓްގާޑު އޭވިއޭޝަން ސްކޮޑްރަންގެ ބެޖު ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލެވެ.
އިންޑިއާއިން އެމްއެންޑީއެފަށް ޑޯނިއާ މަތިންދާބޯޓެއް ހަދިޔާކޮށްފައި ވަނީ ސެޕްޓެމްބަރު 29، 2020ގައެވެ. އެ ބޯޓު ދުއްވުމަށް އިންޑިއާ ސަރުކާރުގެ އެހީގައި 2017 ވަނަ އަހަރުން ފެށިގެން ދިވެހި ޕައިލެޓުން ދަނީ ތަމްރީނުކުރަމުންނެވެ. ނަމަވެސް މިއަދާ ހަމައަށްވެސް މަތިންދާބޯޓު ދުއްވުމުގައި ހަރަކާތްތެރިވެފައި ވަނީ އިންޑިއާގެ އަސްކަރިއްޔާއިންނެވެ.
މޭޖާ ޖެނެރަލް އަހުމަދު ޝަމާލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޑޯނިއާ ދުއްވުމުގައި ދިވެހި ސިފައިން ހަރަކާތްތެރިވުމަކީ ވަރަށް ތާރީހީ ކަމެއް ކަމަށެވެ. އަދި ދިވެހި ސިފައިންނަށް ތަމްރީނު ދިނުމަށް އިންޑިއާ އަސްކަރިއްޔާއިން ވެދިން އެހީތެރިކަަމަށް ޝުކުރު އަދާކުރެއްވިއެވެ.
އެމްއެންޑީއެފުން ބުނީ, އަސްކަރީ އުޅަނދެއް ދުއްވޭނީ އޮފިސަރުންނަށް އެކަނި ކަމަށާއި ނަމަވެސް އެއީ ދިގު ތަމްރީނުތަކެއް ފުރިހަމަކުރަންޖެހޭ ކަމަށެވެ. އެގޮތުން ޑޯނިއާ އެއާކްރާފްޓް ދުއްވުމަށް އޮފިސަރު ޓްރެއިނިންގެ އިތުރުން އެއާފޯސް ތަމްރީން ހެދުމަށް ޖުމްލަ ތިން އަހަރު ހޭދަކުރަންޖެހޭ ކަމަށް ބުންޏެވެ.
އެގޮތުން ޑޯނިއާ މަތިންދާބޯޓު ދުއްވުމަށް މިހާތަނަށް ހަތަރު އޮފިސަރަކު ކޯސް ފުރިހަމަ ކޮށްފައިވީނަމަވެސް ބޯޓު ދުއްވުމުގެ ހުއްދަ ދީފައިވަނީ ދެ އޮފިސަރަކަށް ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު