މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަ ޕިކްނިކް އައިލެންޑް، ކ. ކުޑަގިރި ޕިކްނިކް އައިލެންޑުގެ ބިން ހިއްކުމުގެ މަސައްކަތް ފެށުމަށް އެމްޓީސީސީން ތައްޔާރުވެއްޖެއެވެ.

އެމްޓީސީސީން ބުނީ ކ. ކުޑަގިރި ޕިކްނިކް އައިލެންޑްގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މިއަދު މޮބިލައިޒްކޮށްފައިވާ ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން އަށް ހެކްޓަރުގެ ބިން ހިއްކުމާއި، 27.397 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮށިލުމާއި، 32.428 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. އެ މަޝްރޫއުގެ ހުރިހާ މަސައްކަތެއް އަންނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ނިންމުމަށް ރޭވިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފައިވާ ކ. ކުޑަގިރި ޕިކްނިކް އައިލެންޑްގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަކީ 48.41 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެ މަޝްރޫއާ ގުޅޭގޮތުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމު މިރޭ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، އެ ކުންފުނިން މަސައްކަތް ކުރަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވައުދުވެވަޑައިގެންވި ތާރީހުގެ ކުރިން ރަށުގެ މަސައްކަތް ނިންމާލުމަށް ކަމަށެވެ.

ރައީސް ސޯލިހު މީގެ ކުރިން ވިދާޅުވެފައިވަނީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަ ޕިކްނިކް އައިލެންޑުގެ މަސައްކަތް އަންނަ އަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް އެއްކޮށް ނިންމައިލެވޭނެ ކަމަށެވެ.

ކުޑަގިރި އަކީ ތިލަފުށީ ކައިރީގައި އޮންނަ ފަޅެކެވެ. މި ފަޅު އޮންނަނީ ފެރީގައި 30 ވަރަކަށް މިނެޓުން އަދި ލޯންޗުގައި ދިހަ ވަރަކަށް މިނެޓުން ދެވޭ ހިސާބުގައެވެ.