މިދިޔަ ހަފުތާ ތެރޭ ޓީމާ ހަވާލުވި އާ ކޯޗު، އިޓަލީގެ އެންޓޯނިއޯ ކޮންޓޭގެ އިރުޝާދުގެ ދަށުން ޓޮޓެންހަމްއިން ކުޅުނު ފުރަތަމަ މެޗުގައި ވިޓޭސްގެ މައްޗަށް ކުރި ހޯދައިފިއެވެ.

ޔޫއެފާ ކޮންފަރެންސް ލީގުގައި ރޭ ޓޮޓެންހަމްއިން ކުޅުނު މެޗު އެޓީމުން ކާމިޔާބު ކުރީ 3-2 ގެ ނަތީޖާއަކުންނެވެ. މެޗަށް ކޮންޓޭއާއެކު ޓޮޓެންހަމް ނުކުތް އިރު، ސަޕޯޓަރުން ވަނީ އާ ކޯޗަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ. ޓޮޓެންހަމް ދަނޑުގެ ވަށައިގެން އިޓަލީ ބަހުންވެސް މަރުހަބާގެ ބެނާތައް އެލުވާފައި ހުރިއިރު، އާ ކޯޗުގެ ފުރަތަމަ މެޗަށް ޗެއާމަން ޑެނިއަލް ލެވީވެސް އިނީ ކެތް މަދުވެފައެވެ. އިންތިޒާރުގެ މެޗު ވެގެން ދިޔައީ ފޯރިގަދަ މެޗަކަށެވެ. ފުރަތަމަ ހާފުގައި ފަސް ގޯލު ފެނިގެން ގޮސްފައިވާއިރު، ދެވަނަ ހާފުގައި ފެނުނީ ތިން ރަތް ކާޑެވެ.

ކޮންޓޭގެ އެރާގައި ޓޮޓެންހަމްއިން ޖެހި ފުރަތަމަ ގޯލު މެޗުގެ 15 ވަނަ މިނެޓުގައި ޖަހައިދިނީ ހިއުން މިއުން ސޮން އެވެ. ބާރު ސްޕީޑުގެ ބޭނުންކޮށް ސޮން ޖެހި އެ ގޯލަށްފަހު، ފުރަތަމަ ހާފުގައި ސޮންގެ އިތުރު ހަމަލާއެއް ގޯލުގެ ދަނޑިއަށްވެސް އަމާޒުވެފައިވެއެވެ. ޓޮޓެންހަމްގެ ދެވަނަ ގޯލަކީ ހެރީ ކޭންގެ އެސިސްޓަކުން ލޫކަސް މޯރާ ޖެހި ގޯލެކެވެ. މި ސީޒަންގެ މިހާތަނަށް ކޭންގެ ފަރާތުން ދަށް ކުޅުމެއް ފެންނަމުން ދިޔަ ނަމަވެސް، ރޭގެ މެޗުގައި ކޭން ފެނުނީ ބުރަކޮށް މަސައްކަތްކޮށް އޭނާގެ ފުރިހަމަ ހިތްވަރުގައި ކުޅެމުން ދިޔަތަނެވެ.

މެޗުގެ 28 ވަނަ މިނެޓުގައި ޓޮޓެންހަމް އިން ތިންވަނަ ގޯލެއް ޖެހިއެވެ. އެ ގޯލަކީ ވިޓޭސްގެ ޖޭކަބް ރަސްމުސަން އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އެ ގޯލަށް ހަތަރު މިނެޓު ފަހުން ވިޓޭސްގެ ފުރަތަމަ ގޯލު ޖަހައިދިނީވެސް ރަސްމުސަން އެވެ. އަދި ހާފް ނިމުމުގެ ކުރިން މާޓަސް ބެރޯގެ ގޯލާއެކު ވިޓޭސް އިން ދެވަނަ ގޯލެއް ޖެހިއެވެ.

މެޗަށް ޓޮޓެންހަމް އިން ކޮންޓޭގެ މަޝްހޫރު ތިން ޑިފެންޑަރުންގެ ފޯމޭޝަނަށް ކުޅުންތެރިން ނެރެފައިވާއިރު، ތިން ސެންޓްރަލް ޑިފެންޑަރުންނަކީ އެރިކް ޑަޔާ އާއި ކްރިސްޓިއަން ރޮމޭރޯ އަދި ބެން ޑޭވީސް އެވެ. މެޗުގައި ވިޓޭސް އިން ޖެހި ދެ ގޯލުގައި ޓޮޓެންހަމް ޑިފެންސްގެ ގޯސްތަކެއް ފާހަގަވެގެން ގޮސްފައިވެއެވެ.

ދެވަނަ ހާފްގެ ކުރީކޮޅުގައި ޓޮޓެންހަމް ގެ ޑިފެންޑަރު ރޮމޭރޯ އަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދެއްކުމުން ކޮންޓޭ އަށް މާޔޫސްކަން ކުރިމަތިވި ނަމަވެސް މެޗުގެ ފަހު 10 މިނެޓު ތެރޭގައި ވިޓޭސްގެ ދެ ކުޅުންތެރިންނަށް ވަނީ ރަތް ކާޑު ދައްކާފައެވެ. ޑެނީލިއޯ ޑޯކީއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދެއްކި އިރު، 85 ވަނަ މިނެޓުގައި މާކަސް ޝުބާޓަށް ރެފްރީ ދެއްކީ ސީދާ ރަތެކެވެ.

ކޮންފަރެންސް ލީގު ގްރޫޕް ޖީގައި ޓޮޓެންހަމް މިވަގުތު އޮތީ ދެވަނައިގައެވެ. ހަތަރު މެޗުން ހަތް ޕޮއިންޓު އެޓީމަށް ލިބިފައިވާއިރު، އެ ގްރޫޕްގެ އެއްވަނައިގައި އޮތް ރެނެސް އަށް ހަތަރު މެޗުން ލިބިފައި ވަނީ 10 ޕޮއިންޓެވެ.