އެވިޑް ކޮލެޖުން "މާސްޓާ އޮފް ރިސާޗް ސްޓަޑީޒް" ކޯސް ތައާރަފުކޮށްފިއެވެ.
އެވިޑް ކޮލެޖުން ބުނީ، އެ ކޮލެޖުގައި އަލަށް ތައާރަފުކުރި އެ ކޯހަކީ މޯލްޑިވަސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން ހުއްދަ ދީގެން ހިންގާ ކޯހެއް ކަމަށެވެ. އަދި އަންނަ ޖެނުއަރީ މަހު އެ ކޯސް ފަށާނެ ކަމަށް އެވިޑް ކޮލެޖުގެ ޗެއާމަން އަބްދުﷲ މުސްތާގު ރަޝާދު ވިދާޅުވިއެވެ.
ޖެނުއަރީ އިންޓޭކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމުގެ ގޮތުން އެވިޑު ކޮލެޖުގައި މިދިޔަ ހަފުތާގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން މުސްތާގު ވިދާޅުވީ މާސްޓާ އޮފް ރިސާޗު ސްޓަޑީޒް ކޯހަކީ ތިން ސެމިސްޓާ ނުވަތަ އެއް އަހަރުގެ މުއްދަތަށް ހިންގާ ކޯހެއް ކަމަށެވެ. އެ ކޯހުގައި ސެމިނާއަކާއި ޑިސާޓޭޝަނެއް ހިމެނޭ ގޮތަށް އަށް މޮޑިއުލް ހިމަނާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މުސްތާގު ވިދާޅުވީ، އެއިން ކޮންމެ މޮޑިއުލަކީވެސް ރިސާޗު ހެދުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ވަރަށް ބޭނުންތެރި ފައިދާކުރަނިވި މައުލޫމާތު އެކުލެވިގެންވާ މޮޑިއުލްތަކެއް ކަމަށެވެ.
އެގޮތުން ކޯހުގައި ހިމެނޭ މޮޑިއުލްތަކުގެ ތެރޭގައި ކޮންޓިޓޭޓިވް ރިސާޗު މެތަޑްސްއާއި ކޮލިޓޭޓިވް ރިސާޗު މެތަޑުގެ އިތުރުން ސްޓެޓިސްޓިކްސްއާއި އިންފޮމޭޝަން ޓެކްނޮލޮޖީ ފޯ ރިސާޗު ފަދަ މުހިންމު މޮޑިއުލްތަކަށް ހިމެނެއެވެ.
އެވިޑް ކޮލެޖުން ބުނީ، އެ ކޮލެޖުން ހިންގާ އެހެން ކޯސްތަކެކޭ އެއްފަދައިން މާސްޓާ އޮފް ރިސާޗު ސްޓަޑީސް ކޯހަކީވެސް ދަރިވަރުންނަށް އަތްފޯރާފަދަ އަގެއްގައި ހިންގާ ކޯހެއް ކަމަށެވެ. އަދި ކޯހުގައި ކިޔަވައިދޭނީ ފެންވަރު ރަނގަޅު ލެކްޗަރާއިން ކަމަށާއި ކިޔަވައިދެއްވާ ބޭފުޅުންނަކީ ދާއިރާއިން ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ބޭފުޅުން ނުވަތަ މާސްޓާ ކޮލިފިކޭޝަން އާއެކު ގިނަ ދުވަސްތަކެއް ވަންދެން ދާއިރާގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅުން ކަމަށްވެސް ބުންޏެވެ.
އެވިޑް ކޮލެޖަކީ ރާއްޖޭގައި ހިންގާ އަމިއްލަ އެންމެ ބޮޑު އެއް ކޮލެޖެވެ. މިހާރުވެސް އެ ކޮލެޖުގެ އެކި ކޯސްތަކުގައި 2500 އަށްވުރެ ގިނަ ދަރިވަރުން މަތީ ތައުލީމު ހާސިލުކުރަމުން ދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު