ރާއްޖޭގައި ބޭއްވި ފުރަތަމަ ރޯލާ ސްކޭޓިން ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ރޯލާ ސްކޭޓިން އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ހުޅުމާލެ އާއި މާލޭ ހެލިޕެޑް ސަރަހައްދުގައި ބޭއްވި އެ މުބާރާތް ފެށީ މިދިޔަ ހުކުރު ދުވަހުއެވެ. އަދި އިއްޔެ ވަނީ އެ މުބާރާތް ނިންމާލައިފައެވެ.

އިއްޔެ ބޭއްވި އެ މުބާރާތުގެ ފައިނަލް އިވެންޓުތައް ކުރިއަށްދިޔައީ ހެލިޕެޑް ސަރަހައްދުގައެވެ. ފައިނަލް ދުވަހު ކުރިއަށްދިޔައީ ހަތަރު ލެޕާއި އަށް ލެޕުގެ ރޭސްތަކެވެ.

އެ މުބާރާތް ނިންމުމުގެ ގޮތުން އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަޒްމީލެވެ. އޭގެ އިތުރުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއީލު ވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ރަސްމިއްޔާތުގައި ވަނަވަނައަށް ހޮވުނު ފަރާތްތަކަށް މެޑަލް ހަވާލުކޮށްދެއްވީ ޑެޕިއުޓީ މިނިސްޓަރު އަޒްމީލެވެ. އަދި ހުރިހާ އުމުރުފުރާތަކެއްގެ އޯވަރޯލް ޗެމްޕިއަނުންނަށް ޓްރޮފީ ހަވާލުކޮށްދެއްވީ އިބްރާހިމް އިސްމާއީލެވެ.

އެ މުބާރާތުގެ ފިރިހެނުންގެ 5-7 އަހަރުގެ އިވެންޓުގެ އޯވަރޯލް ޗެމްޕިއަންކަން ޒައްޔާން އަލީ ހިސާމް ހޯދި އިރު، އަންހެނުންގެ 5-7 އަހަރުގެ އިވެންޓުގެ އޯވަރޯލް ޗެމްޕިއަންކަން ހޯދީ ނީރާ ނަސްރަތު މުހައްމަދެވެ. މުބާރާތުގެ އަންހެނުންގެ 7-9 އަހަރުގެ އިވެންޓުގެ އޯވަރޯލް ޗެމްޕިއަންކަން ހޯދީ ނިރާލިޔާއެވެ. އަދި ފިރިހެނުންގެ 7-9 އަހަރުގެ އިވެންޓުގެ އޯވަރޯލް ޗެމްޕިއަންކަން ހޯދީ ޖޮހާސްއެވެ.

އެ މުބާރާތުގެ އަންހެނުންގެ 9-11 އަހަރުގެ އިވެންޓުގެ އޯވަރޯލް ޗެމްޕިއަންކަން ފަލަކް ބިން ފަޔާޒް ހޯދި އިރު، އަންހެނުންގެ 11-14 އަހަރުގެ އިވެންޓުގެ އޯވަރޯލް ޗެމްޕިއަންކަން ހޯދީ ނިރަންޖާނާއެވެ. މުބާރާތުގެ ފިރިހެނުންގެ 11-9 އަހަރުގެ އިވެންޓުގެ އޯވަރޯލް ޗެމްޕިއަންކަން ހޯދީ އަހުމަދު ރާހިފް ޝަފީއުއެވެ. އަދި ފިރިހެނުންގެ 11-14 އަހަރުގެ އިވެންޓުގެ އޯވަރޯލް ޗެމްޕިއަންކަން ހޯދީ ޖޮހަންއެވެ.

އެ މުބާރާތުގައި 30 އަހަރުންމަތީގެ އުމުރުފުރާއަށް ހާއްސަ މާސްޓާސް އިވެންޓެއް ވެސް ކުރިއަށްގެންދިޔައެވެ. މާސްޓާސް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ މާޒްއެވެ. މުޅި މުބާރާތުގެ އެކްސެޕްޝަނަލް އެވޯޑު ލިބުނީ ޖެތިންއަށެވެ.