ރ. އެމަރެލްޑް މޯލްޑިވަސް ރިސޯޓުން ކަނޑަށް ކުނި އެޅި މައްސަލަ ބަލަން ފަށައިފި އެވެ.

އެންވަޔަރަމަންޓު ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނީ ރިސޯޓަކުން ކަނޑަށް ކުނި އެޅި މައްސަލަ ކަމާ ގުޅޭ އިދާރާތްތަކާ ގުޅިގެން ބަލަމުން އަންނަ ކަމަށެވެ.

އެމަރެލްޑު ރިސޯޓުން ކަނޑަށް އެޅި ކުނި އެ ރިސޯޓުގައި މަސައްކަތްކުރި ޑައިވަރަކު ވަނީ ނަގައިގެން ގޮސް ރިސޯޓުގެ ރިސެޕްޝަނުގައި ބަހައްޓާފަ އެވެ. މި މައްސަލައިގައި އޭނާ ވަނީ އެ ރިސޯޓުން ބާލައިފަ އެވެ.

އިގުބާލު ބިލާލު ނަމަކަށް ކިޔާ މި ޑައިވަރަކީ އެމަރެލްޑުގައި ތާޑްޕާޓީ ކޮންޓްރެކްޓަކާއެކު މަސައްކަތް ކުރަމުން އަންނަ މީހެކެވެ.

އިގުބާލު ބުނީ އޭނާ އެ ކުނިތައް ރިސެޕްޝަނުގައި ބެހެއްޓީ މޫދަށް ކުނި ނޭޅުމަށް އެދި އާދޭސް ކޮށްކޮށް އެކަމަށް ހައްލެއް ނުލިބުމުން ކަމަށެވެ.