އެވިޑް ކޮލެޖުން "ބެޗްލާ އޮފް ސައިންސް އިން ސައިކޮލިޖީ" ކޯސް ތައާރަފްކޮށްފިއެވެ.
އެވިޑް ކޮލެޖުން ވަނީ މިދިޔަ ބުރާސްދަތި ދުވަހު ޖުނުއަރީ މަހު ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައެވެ. 50 އަށް ވުރެ ގިނަ ކޯސްތައް ޖެނުއަރީ މަހު އެވިޑު ކޮލެޖުން ކުރިއަށްގެންދާނެއެވެ. އޭގެ ތެރޭގައި މުޅިންއަލަށް ފަށާ ކޯސްތައްވެސް ހިމެނެއެވެ. އެއިން ކޮންމެ ކޯހަކީވެސް ދަރިވަރުންގެ އާންމު މައުލޫމާތު މުއްސަނދިކޮށް ދާއިރާއިން ހާއްސަވުމަށް މަގު ފަހިކޮށްދޭނެ ފެންވަރުގެ ކޯސްތަކެއް ކަމަށް އެވިޑް ކޮލެޖުން ބުންޏެވެ.
މިފަހަރު އެވިޑް ކޮލެޖުން އަލަށް ތައާރަފްކުރާ އެއްކޯހަކީ އެކޮލެޖުގެ ފެކަލްޓީ އޮފް ހިއުމެނިޓީސް އެންޑް ސޯޝަލް ސައިންސިސްއިން ކުރިއަށް ގެންދާ ބެޗްލާ އޮފް ސައިންސް އިން ސައިކޮލޮޖީ ކޯހެވެ.
ފެކަލްޓީގެ ޑީން ފާތިމަތު މައީޝާ ވިދާޅުވީ ބެޗްލާ އޮފް ސައިންސް އިން ސައިކޮލޮޖީ ކޯސް ފަރުމާކުރެވިފައި ވަނީ، ސައިކޮލޮޖީގެ ތަފާތު ދާއިރާތަކުން މަތީ ތައުލީމު ހާސިލުކުރުމާއި ކިޔަވައި ދިނުމުގެ ރޮގުން އިސްދައުރެއް އަދާކުރުމާއި ދާއިރާއާ ގުޅޭގޮތުން އެކިއެކި ދިރާސާތައް ކުރުމުގެ ފަންނީ ހުނަރު ދަރިވަރުންނަށް ލިބިގެންދާ ގޮތަށް ކަމަށެވެ.
އެހެންކަމުން ކޯސް ނިމޭއިރު ދަރިވަރުންނަށް ނަފުސާނީ އިލްމާ ގުޅޭ މުހިންމު ގިނަ ތިއަރީތަކާއި ކޮންސެޕްޓުތައް އެނގިގެންދާނެ ކަމަށާއި ކޯސް ފުރިހަމަކުރާ ދަރިވަރުންނަށް މަސައްކަތުގެ އަމަލީ ދާއިރާގައި ފައިތިލަ ސާބިތުކުރުމުގެ ގާބިލުކަންވެސް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެވިޑުން ބުނީ އެ ކޯހުގައި ކިޔަވައިދޭނީ ރާއްޖޭގައި ތިއްބެވި އެ ދާއިރާގެ ފުންނާބު އުސް އަދި މަތީ ތައުލީމީ ފެންވަރު ރަނގަޅު ލެކްޗަރާސްއިންނެވެ. ކޯސް ކުރިއަށް ގެންދާނީ ތިން އަހަރުގެ މުއްދަތަށް، ނުވަ ސެމިސްޓާއަކަށް ބަހާލައިގެންނެވެ. ފުރަތަމަ އަހަރު ނުވަތަ ފުރަތަމަ ތިން ސެމިސްޓާ ފުރިހަމަކުރުމުން ދަރިވަރުންނަށް ޑިޕްލޮމާ ސައިކޮލޮޖީ ސެޓްފިކެޓް ލިބޭގޮތަށެވެ. އަދި ދެ ވަނަ އަހަރު ނިންމާލުމުން އެސޯސިއޭޓެޑް ޑިގްރީއިން އިން ސައިކޮލޮޖީ ވެސް އެވޯޑު ކުރާނެއެވެ. ތިން ވަނަ އަހަރުން ބެޗްލާ އޮފް ސައިންސް އިން ސައިކޮލޮޖީ ލިބޭނެ ކަމަށްވެސް އެވިޑުން ބުންޏެވެ.
އެވިޑް ކޮލެޖަކީ ރާއްޖޭގައި ހިންގާ އަމިއްލަ އެންމެ ބޮޑު އެއް ކޮލެޖެވެ. މިހާރުވެސް އެ ކޮލެޖުގެ އެކި ކޯސްތަކުގައި 2500 އަށްވުރެ ގިނަ ދަރިވަރުން މަތީ ތައުލީމު ހާސިލުކުރަމުން އެބަގެންދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު