ރާއްޖޭގައި ހުރި އެންމެ ކުޅަދާނަ އެއް ފުޓުބޯޅަ ކޯޗަކީ މުހައްމަދު ނިޒާމް (ނިޒާމްބެ)އެވެ. ފުރަތަމަ ޑިވިޝަންގައި ކުޅެންތެރިއެއްގެ ތަޖުރިބާ ނިންމައި، ކޯޗިންގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއްވެސް ނިޒާމްބެ ހޯދާފައިވެއެވެ. ޓީސީ ފުރަތަމަ ޑިވިޝަނަށް ގެންގޮސްދީ، އެ ކްލަބުގެ ތެރެއިން ހުނަރުވެރި ކުޅުންތެރިންތަކެއް ނިޒާމްބެ ގައުމީ ދަނޑަށް ނެރެދިނީ މޮޅު ޕްލޭނަކާ އެކުގައެވެ.

އަބަދުވެސް އާ ޗެލެންޖުތަކާ ދިމާލަށް ނިޒާމްބެގެ ވިސްނުން ހުންނައިރު، އޮފް ސީޒަނުގައިވެސް ކުރަމުން އަންނަނީ އަމިއްލައަށް އާ ކަންތައްތަކެއް ދަސްކޮށް، އާ ގޮތްތަކެއް ހޯދުމުގެ މަސައްކަތެވެ. ދާދި ފަހުން ޅ. ހިންނަވަރުގެ ޒުވާން ޖީލަކަށް ގިނަ ކަންތައްތަކެއް އުނގަންނައިދިނުމުގެ މަސައްކަތެއްގައި ނިޒާމްބެ ފެނުނެވެ. އެހިސާބުންވެސް ނިޒާމްބެގެ ފުޓުބޯޅަ ފޯކަސް އަތޮޅު ތެރެއަށް ހިންގާލިކަން އެނގުނެވެ. އެ ވިސްނުމުގައި ހިފައިގެން ދެން މި ފެންނަނީ "ސްކައުޓިން"ގެ ނެޓްވޯކަކަށް މަސައްކަތް ފެށިތަނެވެ.

ނިޒާމްބެގެ ފޭސްބުކްގައި ޖަހާފައި ވަނީ "ތި ރަށުން، ތި އަތޮޅުން، ނޫނީ ތި ސިޓީން، ތި ޒޯނުން ހުނަރުހުރި ކުދިން ހޯދޭނީ ކޮންބަޔަކަށް؟ ސްކައުޓިން ނެޓްވޯކަކަށް މަސައްކަތް ކުރަމުން ދާތީ، އެކަމަށް ޝައުގުވެރިވާ މީހުން ޑީއެމް ކޮށްލަދިނުން އެދެން،" މިހެންނެވެ. ނިޒާމްބެގެ ޓާގެޓުގައި ހުރީ 18 އަހަރާއި 21 އަހަރާ ދެމެދުގެ އުމުރުފުރާގެ ހުނަރުވެރި ކުދިންނަށް ޓާގެޓްކޮށް، ސްކައުޓިންގެ ވިޔުގައަކުން ތަފާތު ވިސްނުމެއް ގެނައުމަށެވެ.

"ހަމަ ރަށްރަށުގައި ތިބި ހުނަރުވެރި ކުދިން ހޯދަން ނެޓްވޯކެއް ގާއިމުކުރަން މި ވިސްނަނީ. އެ މަސައްކަތް ކުރަން މި ހުޅުވާލަނީ އަތޮޅުތަކުން، ރަށް ރަށުން އަދި ސިޓީތަކުން ސްކައުޓުންގެ ގޮތުގައި ހަރަކާތްތެރިވާނެ ފުޓުބޯޅަ ވިސްނުމުގެ މީހުން ހޯދަން. އަސްލު ނެޓްވޯކެއް މި ގާއިމުކުރަނީ ހުނަރުވެރި ކުދިން އައިޑެންޓިފައި ކުރަން،" ނިޒާމްބެ "ވަން"އަށް ބުންޏެވެ.

ނިޒާމްބެ ބުނީ އެހެން ގައުމުތަކުގައި ސްކައުޓިންގެ މަސައްކަތަކީ ޕްރޮފެޝަނަލް ކޮށް ކުރާ މަސައްކަތެއް ކަމަށާއި، އެފަދަ ހުނަރު އަތޮޅު ތެރެއިން ގެންނަން ވިސްނާ ކަމަށެވެ.

"އެހެން ގައުމުތަކުގައި މި މަސައްކަތް ކުރަނީ ޕްރޮފެޝަނަލްކޮށް. އެއީ ސްކައުޓުން ރަށްރަށަށް ފޮނުވައިގެން ކުރާ މަސައްކަތެއް. އެކަމަކު މި ރާއްޖޭގައި މިކަން ކުރަން ވިސްނަން ޖެހޭނީ މިކަހަލަ ގޮތަކަށް. އަދި އެއްވެސް ކްލަބަކާއެކުގައެއް ނޫން މިކަން މިކުރަނީ. އެހެން ނަމަވެސް ދެން އަހަރެން ދާ ޓީމަކަށް އެ ކުދިން ގެންނަން މަސައްކަތް ކުރާނަން. އެކޮޅުގައި ތިބޭ މީހުންނާ ކޮންޓެކްޓްކޮށް، ފެންވަރުވެސް ބަލައިގެން ގެންނަން މަސައްކަތް ކުރާނީ،" ނިޒާމްބެ ބުންޏެވެ.

"އަސްލު ހަގީގަތުގައި ހީނުކުރާހާ ބޮޑު ފައިދާއެއް ކުރާނެ. މިކަހަލަ އެޕްރޯޗެއް ފެށުން ވާނީ ވަރަށް ބޮޑު ކުރިއެރުމަކަށް،" ނަތީޖާ ފެންނާނެތޯ އެހުމުން ނިޒާމްބެ ދިނީ ކުރު އަދި ސިމްޕަލް ޖަވާބެކެވެ.

މަސައްކަތުގެ މިސްރާބު ހުރީ އަތޮޅު ތެރޭގެ ފުޓުބޯޅައަށެވެ. ތަފާތު ވިސްނުމެކެވެ. އާންމުކޮށް ފުރަތަމަ ޑިވިޝަންގެ ޓީމުތަކުގެ ބެންޗުން ނިޒާމްބެ ފާހަގަކޮށްލެވޭއިރު، މިވަގުތު އޭނާ ހުރީ އެއްވެސް ކްލަބެއްގެ ކޮންޓްރެކްޓުގައެއް ނޫނެވެ. ކުރިއަށް އޮތް ސީޒަނަށް ވިސްނާ ވިސްނުން އަދި ހާމަކޮށްފައެއް ނުވެއެވެ.