ރާއްޖޭގައި މިހާރު އެންމެ ރަނގަޅަށް ހިނގާ، އެންމެ ވަރުގަދަ ކްލަބަކީ ޝައްކެއް ނެތް ގޮތުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ. ފައިސާގެ ގޮތުން ބެލިޔަސް، މެދުކެނޑުމެއްނެތި މުސާރަ ދިނުމާއި، ރަނގަޅު މުސާރަތަކެއްގައި ކުޅުންތެރިން ގެންގުޅުމާއެކު ހަރުދަނާ ސިސްޓަމެއްގެ ތެރެއިން ހިނގާ ކްލަބަކަށް މާޒިޔާ ވެއެވެ. އެ ކްލަބުގެ ކުރިއެރުމުން އެކަން ސާފުވެސް ކޮށްދެއެވެ. ދިވެހި ފުޓުބޯޅަ ފަތަހަކޮށް މިހާރު މިސްރާބު ހުރީ ބައިނަލްއަގުވާމީ މައިދާނުގެ ކާމިޔާބީއަށެވެ. މިފަހަރު މާޒިޔާ އެ ޗެލެންޖަށް ނުކުންނާނީ ދިވެހި ކޯޗެއްގެ އިރުޝާދުގެ ދަށުންނެވެ. މުހައްމަދު ޝިޔާޒް (މޯހަން)އަށް މާޒިޔާ ވާނީ "ޓަފް ޗެލެންޖަކަށް" ކަމަށް ހުދު އޭނާވެސް ގަބޫލުކުރެއެވެ. އެއީ މާޒިޔާގައި ތަށި މަޖުބޫރުވާނެތީއެވެ.

"މާޒިޔާއާ އަބަދުވެސް ރަނގަޅު ގުޅުމެއް އޮންނާނެ. ކުރިންވެސް އެކި ފަހަރު މަތިން ހުށަހެޅުންތައް އައިސްފައި ހުރީ. އެކަމަކު އެކި ހާލަތްތަކުގައި ހުރި ގޮތުން ހުށަހެޅުން ގަބޫލު ނުކުރެވި ދިޔައީ. އެކަމަކު މިފަހަރު ދިމާވީ އަޅުގަނޑުވެސް ހުހަށް ހުރި ވަގުތާ. ދެން މާޒިޔާއަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ މޮޅު ކްލަބު. އަދި އެންމެ ރަނގަޅަށް ހިނގާ ކްލަބު. މިއީ ވަރަށް ބޮޑު ޗެލެންޖެއް. މާޒިޔާގައި ކާމިޔާބީ ހޯދުމަކީ ކޮންމެހެން މަޖުބޫރުވާނެ ކަމެއް. ފުޓުބޯޅައިގައި މިކަހަލަ ޗެލެންޖު ނަގަން ޖެހޭނެ،" މާޒިޔާއާއެކު އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއި ކުރުމަށްފަހު ހުޅުމާލޭ އަކާސިއާ ބީޗް ހޮޓަލުގައި ހުރެ މޯހަން ބުންޏެވެ.

އޭއެފްސީ ޕްރޯ ލައިސަންސް ކޯޗު މޯހަންގެ ނަޒަރުގައި މާޒިޔާގެ ކޯޗަކަށް ބައިނަލްއަގުވާމީ ތަޖުރިބާ ބޭނުންވާނެއެވެ. މޯހަންއަށް އޭއެފްސީ ކަޕް ފަދަ މުބާރާތްތައް އަދި އާ ނަމަވެސް، އޭނާގެ ނަޒަރުގައި ގައުމީ ޓީމު ލެވެލްގައި ލިބިފައިވާ ތަޖުރިބާ ބޭނުންކޮށް އެ ހަރުފަތްތައް ކަޑައްތު ކުރެވޭނެއެވެ.

"ލޯކަލް އަދި އިންޓަނޭޝަނަލް ލެވެލްގައި ހޯދެން އޮތް ހުރިހާ ކާމިޔާބީއެއް ހޯދަން މަސައްކަތް ކުރަން ޖެހޭ. އޭއެފްސީ ކަޕަކީ އަޅުގަނޑަށްވެސް މުޅިން އާ ތަޖުރިބާއަކަށް ވެގެންދާނީ. އެހެން ނަމަވެސް ގައުމީ ޓީމުގައި ލިބިފައިވާ ތަޖުރިބާގެ އަލީގައި މަސައްކަތް ކުރަން. އަޅުގަނޑުގެ ވަރަށް ބޮޑު ހުވަފެނެއް އޭއެފްސީ ކަޕްގައި މާޒިޔާ ގޮވައިގެން އާ ހަރުފަތަކަށް ދިޔުން. އެކަން ކުރަން ތައްޔާރުވެގެން ނުކުންނާނީ. މާޒިޔާ ކުރިއަރުވަން ކުރަން ޖެހޭ ކޮންމެ ކަމެއް ކުރާނެ ކަމުގެ ޔަގީންކަން ދެން،" މޯހަން ބުންޏެވެ.

ގައުމީ ފުޓުބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ކޯޗިން ދާއިރާއަށް ވަން މޯހަން ވަނީ ފުޓުބޯޅަ އެސޯސިއޭޝަންގެ ޓެކްނިކަލް ޑިރެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފަ އެވެ.

ކޯޗިންގައި މޯހަންގެ ކާމިޔާބީ އަށް ބަލާއިރު އޭނާ ވަނީ ނިއުއާ ހަވާލުވެ ހުރިއިރު، އެ ޓީމަށް 2012 ވަނަ އަހަރުގެ ދިވެހި ލީގާއި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކޮށްދީފަ އެވެ. އީގަލްސް ގޮވައިގެން ލީގަށް ވާދަކޮށް އެ ޓީމު އޭއެފްސީ ކަޕަށް ކޮލިފައި ކޮށްދިނެވެ. މީގެ އިތުރުން ކުޑަހުވަދޫ އަށް މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދައިދިނެވެ. މޯހަން އަކީ ފުރަތަމަ ޑިވިޝަނުގައި މާޒިޔާ އަށް އިރުޝާދުދޭނެ ދިވެހި ހަތަރު ވަނަ ކޯޗެވެ. މީގެ ކުރިން މާޒިޔާގައި މަސައްކަތްކުރި ދިވެހި ކޯޗުންނަކީ އިސްމާއިލް މަހްފޫޒް (އިންމަ)، އަލީ ސުޒޭން، މުހައްމަދު ނިޒާމް (ނިޒާމްބެ) އެވެ.

މީގެ ކުރިން ބިދޭސީ ކޯޗުންގެ އިރުޝާދުގެ ދަށުން މާޒިޔާ ގިނަ ފަހަރުތަކެއް މަތިން ފެނުނު ނަމަވެސް ދިވެހި ކޯޗަކަށް ބަދަލުކޮށްލީ ޗެއާމަން އަހުމަދު ސާޖިދުގެ ފުރިހަމަ އިސްނެންގެވުމުގެ މަތިންކަން ކްލަބުގެ ސެކެޓްރީ އަބްދުލް ވައްހާބު (ވައްކޭ) ފާހަގަކޮށްފައިވެއެވެ.

"ޗެއާމަންގެ ވަރަށް ބޮޑު އިސްނެގުމެއްގެ މަތިން ދިވެހި ކޯޗަކަށް މިސްރާބު ބަދަލުކޮށްލީ. ދިވެހި ކޯޗުންނަކީ އެކަށީގެންވާ ތަޖުރިބާ ނެތް ބައެއްވެސް ނޫން. ތަޖުރިބާ އެބަހުރި، މަސައްކަތް ކުރާ ބައެއް. ދިވެހި ކޯޗުންނަށް އެބަ ޖެހޭ ފުރުސަތުތަކެއް ލޯކަލް އަދި އިންޓަނޭޝަނަލް މުބާރާތްތަކުގައިވެސް ލިބެން. ޗެއާމަންގެވެސް އިތުބާރު އެބައޮތް ޝިޔާޒަށް، ޗެއާމަންގެ ވަރަށް ބޮޑު އެދިލެއްވުމެއްގެ މަތިން މި ކޯޗު ހަމަޖެހިގެން ދިޔައީ. މޯހަން ވަނީ މީގެ ކުރިން ނިއު ރޭޑިއަންޓް ގޮވައިގެންވެސް ގިނަ ކާމިޔާބީތަކެއް ހޯދާފައި. މިހާރުވެސް ރާއްޖޭގައި ހުރި އެންމެ މޮޅު އެއް ކޯޗު،" ވައްކާ ބުންޏެވެ.

މާޒިޔާގެ ޗެއާމަން ސާޖިދު ވިދާޅުވީ ކްލަބުގެ އުންމީދަކީ ދިވެހި ކޯޗަކާއެކު އާ ހަރުފަތަކަށް ދާން މަސައްކަތް ކުރުން ކަމަށާއި، ތަޖުރިބާކުރުމަށް މި ފުރުސަތުގެ ބޭނުން ކުރައްވާނެ ކަމަށެވެ.

"މާޒިޔާއިންވެސް އަދި ކޮންމެ ދިވެއްސަކުވެސް އެދޭނީ ދިވެހީންނަށް ރަނގަޅު ގޮތް ވާން. އެހެންވެ އަޅުގަނޑު މިހާރުވެސް މިބަލަނީ ދިވެހި ކޯޗަކަށް ރަނގަޅު މުސާރައެއްވެސް ދީ، ދިވެހި ކޯޗަކާއެކު އާ ހަރުފަތަކަށް ދާން. އެއީ ބަލަން ޖެހޭނެ ގޮތަކީވެސް. މިފަހަރުވެސް ތަޖުރިބާއަކަށް މި ވިސްނަނީ. ރަނގަޅުވާނެ އިރާދަކުރެއްވިއްޔާ،" ސޮއިކުރުމުގެ ރަސްމިއްޔާތުގައި ސާޖިދު ވިދާޅުވިއެވެ.

މާޒިޔާ 2006 ވަނަ އަހަރު ފުރަތަމަ ޑިވިޝަންގައި ވާދަކުރަން ފެށި ފަހުން އެ ޓީމުން ވަނީ ރާއްޖޭގެ ހުރިހާ މުބާރާތެއް ކާމިޔާބުކޮށްފައެވެ. އެޓީމަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ކާމިޔާބު އެއް ޓީމުވެސް މެއެވެ. ހާއްސަކޮށް އެޓީމަކީ އޭއެފްސީ ކަޕްގައިވެސް މިވަގުތު ވާދަކުރާ ރާއްޖޭގެ އެންމެ ވަރުގަދަ ޓީމެވެ.