ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ބ. މާޅޮހުގައި ކޭޝް އޭޖެންޓް ބޭންކިން ތައާރަފުކޮށް 75 ރަށަކުން ފައިސާ ޖަމާކުރުމުގެ ހިދުމަތް ލިބޭ ގޮތް ހަމަޖައްސައިފިއެވެ.

އޭޖަންޓް ބޭންކިންގެ ހިދުމަތަކީ ބްރާންޗެއް އަދި އޭޓީއެމް އެއް ނެތް ރަށްރަށުގައި އޭޖަންޓެއް މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާކުރުމަށް 2015 ވަނަ އަހަރު ތައާރަފު ކުރި ހިދުމަތެކެވެ. އެ ހިދުމަތް ފުރަތަމަ ފެށީ ހަމައެކަނި ފައިސާ ނެގުމުގެ ހިދުމަތެއްގެ ގޮތުގައެވެ.

ނަމަވެސް އޭޖަންޓުން މެދުވެރިކޮށް އަތޮޅުތެރޭގައި އެއްވެސް ފީ އަކާނުލައި މިހާރު ފައިސާ ނެގުމާއި ޖާމާކުރުމާއި ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ހިދުމަތް ބީއެމްއެލުން ވަނީ ހަމަޖައްސައިފައެވެ.

އެގޮތުން ކޭޝް އޭޖަންޓުން މެދުވެރިކޮށް ދުވާލަކު 2000 ރުފިޔާއާ ހަމައަށް ފައިސާ ނެގޭނެއެވެ. އަދި ކަސްޓަމަރަކަށް ދުވާލަކު 10،000 ރުފިޔާއާ ހަމައަށް ފައިސާ ޖަމާކުރެވޭނެއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ބީއެމްއެލްގެ އޭޖަންޓް ބޭންކިންގެ ހިދުމަތަކީ މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފޯރުކޮށްދިނުމަށް ބޭންކުން ކަނޑައަޅާފައިވާ ސްޓްރެޓަޖީގެ ދަށުން ބްރާންޗެއް ނުވަތަ އޭޓީއެމް ސެންޓަރެއް ގާއިމުކޮށްފައިވާ ރަށަކަށް ދަތުރު ކުރުމުގެ ބަދަލުގައި މީހުން ދިރިއުޅޭ ރަށްރަށުގައި ބޭންކިން ހިދުމަތް ފަސޭހަކަމާއެކު ހޯދޭނެ ނިޒާމެއް ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތް މި ކުރަނީ ކުރިއަށް އޮތް މަސްތަކުގައި މި ހިދުމަތް މީހުން ދިރިއުޅޭ 100 ރަށަށް ފޯރުކޮށްދިނުމަށް،" ސޯޔާ ވިދާޅުވިއެވެ.

ބީއެމްއެލުން ބުނީ ކޮވިޑާ ގުޅިގެން ރަށްރަށުގައި އިއުލާން ކޮށްފައިވާ ފިޔަވަޅުތަކާއެކުވެސް ރާއްޖޭގެ ހުރިހާ ރަށްރަށެއްގައި ކަސްޓަމަރުންނަށް މެދުނުކެނޑި ބޭންކިން ހިދުމަތް ފޯރުކޮށްދިނުމަށް ބޭންކުން މުހިންމު ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.