ޓީ20 ކްރިކެޓް ވޯލްޑް ކަޕްގެ ކޮލިފައިންގެ ގްރޫޕް އޭގައި ރާއްޖޭ ކުޅުނު ފުރަތަމަ މެޗުގައި ސައުދީ އަރަބިއްޔާ އަތުން ބަލިވެއްޖެއެވެ.

ގަތަރުގެ ވެރިރަށް ދޯހާގައި ގައުމީ ކްރިކެޓް ޓީމުން ކުޅުނު މެޗުގައި ސައުދީ އަތުން ބަލިވީ ހަތް ވިކެޓުންނެވެ.

ދޯހާގެ ވެސްޓް އެންޑް ޕާކް އިންޓަނޭޝަނަލް ކްރިކެޓް ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގައި ޓޮސް ދިމާވުމުން ރާއްޖޭން ނިންމީ ފުރަތަމަ ކުޅެން އަރާށެވެ. ކުޅެން އަރައި، ރާއްޖޭން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 50 ބޯޅައިން 20 ލަނޑު ހެދި އިބްރާހިމް ނަޝާތުއެވެ.

މެޗުގެ 20 އޯވަރު ހަމަވިއިރު، ރާއްޖެ އަށް ނުވަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 98 ލަނޑެވެ.

ޖަވާބުގައި ކުޅެން އަރައި ސައުދީން 15.1 އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވިއިރު، 101 ލަނޑު ހަމަކޮށް ހަތް ވިކެޓުން ވަނީ މެޗު ކާމިޔާބުކޮށްފައެވެ. ސައުދީ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ފައިސަލް ހާން އާއި އެ ޓީމުގެ ކެޕްޓަން އަބްދުލް ވަހީދެވެ. ފައިސަލް ވަނީ 24 ބޯޅައިން 41 ލަނޑު ހަދައިފައެވެ. އަދި ވަހީދު ވަނީ 36 ބޯޅައިން 33 ލަނޑު ހަދައިފައެވެ.

ރާއްޖޭން ދެ ވަނަ މެޗުގައި މާދަމާ ނުކުންނާނީ ގަތަރާ ދެކޮޅަށެވެ.

ގްރޫޕް އޭގެ ކޮލިފިކޭޝަން މެޗުތައް ގަތަރުގައި ކުރިއަށް ދާނީ މިމަހުގެ 23 އިން 29 އަށެވެ. ކޮލިފިކޭޝަންގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރާނީ ބަހުރައިން އާއި ކުވައިތުގެ އިތުރުން ގަތަރާއި ސައުދީ އަރަބިއްޔާއެވެ.