ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، އއ. އަތޮޅުގެ ހަ ރަށަކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރޭ މާލެ ވަޑައިގެންފިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ތޮއްޑޫ، ރަސްދޫ، އުކުޅަސް، މަތިވެރި، ބޮޑުފޮޅުދޫ އަދި ހިމަންދޫއަށް ވަޑައިގެންފައެވެ. އަދި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ޒިޔާރަތް ކުރެއްވި ހުރިހާ ރަށްރަށެއްގެ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނާ ބައްދަލުކުރައްވައިފައެވެ.

ބުދަ ދުވަހު ފެއްޓެވި މި ދަތުރުފުޅުގައި ރައީސް އެންމެ ފުރަތަމަ ވަޑައިގަތީ ތޮއްޑޫއަށެވެ. އެރަށަށް ވަޑައިގެން އެރަށުގެ ދަނޑުވެރިންނާއި ގެސްޓް ހައުސް ހިންގާފަރާތްތަކާ ބައްދަލުކުރައްވައި، ރަށު ސިއްހީ މަރުކަޒަށް ޒިޔާރަތްކުރައްވައި އެތަނުގެ ހާލަތު ވަނީ ބައްލަވާލައްވައިފައެވެ.

އެއަށްފަހު އެމަނިކުފާނު ވަނީ ސަރުކާރުން ޒަމާނީ ފެންވަރަށް އެރަށުގައި ތަރައްގީ ކޮށްފައިވާ 12 ކުލާސްރޫމާއި މަލްޓި ޕާޕަސް ހޯލް ރަސްމީކޮށް ހުޅުއްވައިދެއްވައިފައެވެ. އަދި ތޮއްޑޫގެ ބައެއް ދަނޑުބިންތަކަށް ޒިޔާރަތްކުރައްވައި އެތަންތަންވެސް އެމަނިކުފާނު ވަނީ ބައްލަވާލައްވައިފައެވެ.

ދެވަނަ މަންޒިލެއްގެ ގޮތުން ރައީސް ޒިޔާރަތް ކުރެއްވީ ރަސްދޫއަށެވެ. އެރަށަށް ވަޑައިގެން ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި، އެރަށުގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި އެތަނުގެ ހާލަތު ބައްލަވާލެއްވިއެވެ. އަދި ރަސްދޫގައި ގިރާ ސަރަހައްދަށް ވަޑައިގެން އެތަންވެސް ބައްލަވާލެއްވިއެވެ.

ބުދަ ދުވަހުގެ އެންމެ ފަހު މަންލިޒެއްގެ ގޮތުން ރައީސް ޒިޔާރަތް ކުރެއްވީ އުކުޅަހަށެވެ. އުކުޅަހަށް ވަޑައިގެން އެމަނިކުފާނު ވަނީ އެރަށުގެ ރައްޔިތުންނާއި އެރަށުގެ ވިޔަފާރިވެރިންނާއި ގެސްޓްހައުސް ހިންގާ ފަރާތްތަކާ ބައްދަލުކުރައްވައި އެބޭފުޅުންނަށް ދިމާވާ ދަތިތައްވެސް އޮޅުންފިލުއްވައިފައެވެ.

އަދި އިއްޔެ ހެނދުނު އެމަނިކުފާނު ވަނީ އުކުޅަހު ހެލްތު ސެންޓަރަށާއި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފައެވެ.

އިއްޔެ އެމަނިކުފާނު އެންމެ ފުރަތަމަ ޒިޔާރަތް ކުރެއްވީ މަތިވެރިއަށެވެ. އެރަށަށް ޒިޔާރާތްކުރެއްވުމަށްފަހު އެމަނިކުފާނު ވަނީ އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެރަށުގެ ހެލްތް ސެންޓަރަށް ވަޑައިގެން އެތަނުގެ ހާލަތު ބައްލަވާލައްވައިފައެވެ.

މަތިވެރިއަށް ކުރެއްވި ޒިޔާރަތަށް ފަހު ރައީސް ދެން ވަޑައިގެންނެވީ ބޮޑުފޮޅުދޫއަށެވެ. އެރަށުގައިވެސް އެމަނިކުފާނު ވަނީ ރައްޔިތުންނާ ބައްދަލުކުރައްވައިފައެވެ. އަދި އެރަށުގެ މިސްކިތް ހުޅުއްވައިދެއްވައި އެރަށުގެ ގޮނޑުދޮށަށް ޒިޔާރަތްކުރައްވައި ގިރާ ސަރަޙައްދު ވަނީ ބައްލަވާލައްވައިފައެވެ. އަދި އެރަށުގެ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން އެތަނުގެ ހާލަތުވެސް ބައްލަވާލެއްވިއެވެ.

މި ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުން ރައީސް ޒިޔާރަތް ކުރެއްވީ ހިމަންދޫއަށެވެ. އަދި މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ހިމަންދޫގެ ބަނދަރު ރަސްމީކޮށް ހުޅުއްވައިދެއްވައިފައެވެ.