އއ. ބޮޑުފޮޅުދޫ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް މިހާރުން މިހާރަށް ވަގުތީ އަވަސް ހައްލެއް ގެންނަވައި، މަޑުޖެހިފައިވާ އެރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް އަންނަ ނޮވެމްބަރު މަހު ފެށޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އއ. އަތޮޅުގެ ހަ ރަށަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެ އަތޮޅޫ ބޮޑުފޮޅުދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި އެ ފަރާތްތަކުން ވަނީ ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންތައްތަކާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސާ ހިއްސާ ކުރައްވައިފައެވެ.

މިގޮތުން ރަށުގެ ބިން ފުރުމުގެ ސަބަބުން ދިމާވެފައިވާ ގެދޮރުވެރިކަމުގެ ދަތިތަކާއި ބިން ހިއްކުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރެވިފައިވީ ނަމަވެސް އަމަލީ މަސައްކަތް ނުފެށޭތީ ކަންބޮޑުވުންތައް ހުރިކަމަށާއި ބިން ހިއްކުމަށްފަހު ބޮޑުފުޅުދޫގައި ހައުސިން ޕްރޮޖެކްޓް ހިންގަވައިދެއްވުމަށް ރަށު ރައްޔިތުން އެދޭ ކަމަށް ރައީސަށް ދެންނެވިއެވެ.

މީގެ އިތުރުން ބޮޑުފޮޅުދޫ ރައްޔިތުންނާއި ކައުންސިލުން ވަނީ ރަށް ގިރާތީ ހުރި ކަންބޮޑުވުންތަކާއި ބަނދަރު ބޮޑުކުރާނެ ޖާގަ ނެތުމުން ދެފަށް ތޮއްޓެއް ލާން ބޭނުންވާކަމާއި ސިއްހީ މަރުކަޒުގެ ހިދުމަތްތައް 24 ގަޑިއިރަށް ބަދަލުކުރަން ބޭނުންވުމާއި ޔޫތް ސެންޓަރެއް ބޭނުންވާކަން ހާމަކުރައްވައިފައެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ ހޭންޑް ބޯލް އަދި އައުޓް ޑޯ ޖިމެއް ނެތުމުން ދިމާވާދަތިތައް ފާހަގަކުރައްވައިފައެވެ.

މި ބައްދަލުވުންތަކުގައި ރައީސް ވަނީ ބޮޑުފޮޅުދޫގައި ސަރުކާރުން ހިންގުމަށް ނިންމާފައިވާ މަޝްރޫއުތަކުގެ ފަހުގެ މައުލޫމާތު އެރަށު ފަރާތްތަކާ ހިއްސާކުރައްވައިފައެވެ.

އެގޮތުން އެމަނިކުފާނު ވަނީ އެމްޓީސީސީގެ ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވައި، އަންނަ އަހަރުގެ ފަހުކޮޅުގައި ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށޭވަރުވާނެ ކަމަށާއި އަދި ސްކޫލަށް ބޭނުންވާ ހަ ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާކަން ފާހަގަކުރައްވައިފައެވެ.

މީގެ އިތުރުން އެ ރަށު ގިރާ ސަރަޙައްދު ހިމާޔަތްކުރުމަށް މިހާރުން މިހާރަށް ވަގުތީ އަވަސް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށާއި މަޑުޖެހިފައިވާ ބޮޑުފޮޅުދޫ ފެނާއި ނަރުދަމާގެ މަސައްކަތް އަންނަ ނޮވެމްބަރު މަހު ފެށޭނެ ކަމަށް ވިދާޅުވެފައެވެ.

ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއިން ރައީސަށް ދެންނެވި ކަންކަމުގެ ތެރެއިން ހޭންޑް ބޯލް ކޯޓެއް އެޅުމަށް، ގޮތްތަކެއް ބައްލަވާނެ ކަމަށާއި އައުޓްޑޯ ޖިމް އަދި ކުޑަކުދިންގެ ޕާކެއް ހެދުމަަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.