ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެންބަރުންގެ މުސާރަ ބޮޑު ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ޕޭ ކޮމިޝަންގެ ލަފައަކަށް ފޮނުވައިފިއެވެ.

މިއަދު އޮތް މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު ވިދާޅުވީ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ރައީސް ފިޔަވައި އެ ކޮމިޝަނުގެ މެންބަރުންގެ މުސާރައިގައި އެހެނިހެން މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ މުސާރައާ އަޅައި ބަލާއިރު ބޮޑު ފަރަގެއް ވާކަން ފާހަގަކޮށް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން އެ މައްސަލަ އެ ކޮމިޓީއަށް ފޮނުވާފައިވާ ކަމަށެވެ.

އެ ކޮމިޝަންގެ މެންބަރުންގެ މުސާރަ އެހެން ކޮމިޝަންތަކުގެ މެންބަރުންގެ މުސާރައާ ހަމަކުރުމަށް ހުށަހަޅާފައިވާ ކަމަށްވެސް ނާޝިޒް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ މައްސަލައަކީ މީގެ ކުރިންވެސް އެކި ފަހަރުމަތިން މާލިއްޔަތު ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ. އެ ފަހަރުތަކުގައި ކޮމިޝަންގެ މުސާރަތަކަށް ކޮމިޓީން ގެނެސްފައިވާ ބަދަލުތަކުގެ ތަފުސީލްވެސް ނާޝިޒު ވިދާޅުވެ ދެއްވިއެވެ.

އެގޮތުން ފުރަތަމަ ފަހަރަށް 2015 އަހަރު އެންއައިސީ އެކުލަވައިލިއިރު މުސާރަ ހަމަޖައްސާފައި ވަނީ، ކޮމިޝަންގެ ރައީސަށް މުސާރައިގެ ގޮތުގައި 25500 ރުފިޔާ އާއި 12000 ރުފިޔާގެ ލިވިން އެލަވަންސާއެކު ޖުމްލަ 37500 ރުފިޔާ، ނައިބު ރައީސަށް 23500 ރުފިޔާގެ މުސާރަ އާއި 12000 ރުފިޔާގެ ލިވިން އެލަވަންސާއެކު ޖުމްލަ 35500 އަދި މެންބަރުންނަށް 20500 ރުފިޔާގެ މުސާރަ އާއި 12000 ރުފިޔާގެ އެލަވަންސާއެކު ޖުމްލަ 32500 ރުފިޔާ ކަމަށް ނާޝިޒު ވިދާޅުވިއެވެ.

ނަމަވެސް އެއަށްފަހު އެފަރާތުގެ އެދުމުގެ މަތިން 2017 ވަނަ އަހަރުގެ ނޮވެމްބަރު 29 ގައި މުސާރައަށް ވަނީ ބަދަލު ގެނަސްފައެވެ.

އެގޮތުން ކޮމިޝަން ރައީސްގެ މުސާރައިގެ ގޮތުގައި 30000 ރުފިޔާ ލިވިން އެލަވަންސްގެ ގޮތުގައި 15000 ރުފިޔާއާއެކު ޖުމްލަ 45000 ރުފިޔާ، ނާއިބު ރައީސަށް މުސާރައިގެ ގޮތުގައި 25500 ރުފިޔާ އާއި 12000 ރުފިޔާގެ ލިވިން އެލަނަވްސާއެކު ޖުމަލް 37500 ރުފިޔާ އަދި މެންބަރުންނަށް 23500 ރުފިޔާ އާއި 12000 ރުފިޠާގެ ލިވިން އެލަވަންސާއެކު ޖުމްލަ 35500 ރުފިޔާ ހަމަޖައްސާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން އެހެން ކޮމިޝަންތަކާމެދު މުސާރައިގައި ހުރި ފަރަގު ނައްތާލުމަށް ހުށަހަޅާފައިވާ މައްސަލަ ޕޭކޮމިޝަންގެ ލަފައަކަށް ފޮނުވުމަށް ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ކޮމިޓީއަށް ހުށަހެޅުއްވިއެވެ. ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މުސާގެ ތާއީދާއެކު ކޮމިޓީން އެގޮތަށް، އެ މައްސަލަ ޕޭކޮމިޝަނުގެ ލަފައަށް ފޮނުވަން ވަނީ ފާސްކޮށްފައެވެ.