ޓީ20 ކްރިކެޓް ވޯލްޑް ކަޕްގެ އޭޝިއަން ގްރޫޕް އޭގެ ކޮލިފައިންގައި ވާދަކުރަން ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމު މިއަދު ގަތަރަށް ފުރައިފިއެވެ.
ގްރޫޕް އޭގެ ކޮލިފިކޭޝަން މެޗުތައް ގަތަރުގައި ކުރިއަށް ދާނީ މިމަހުގެ 23 އިން 29 އަށެވެ. ކޮލިފިކޭޝަންގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރާނީ ބަހުރައިން އާއި ކުވައިތުގެ އިތުރުން ގަތަރާއި ސައުދީ އަރަބިއްޔާއެވެ. ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މިމަހުގެ 23 ވަނަ ދުވަހު ކުޅޭނީ ސައުދީ އަރަބިއްޔާއާ ދެކޮޅަށެވެ.
ކޮލިފިކޭޝަންގައި ވާ ގޮތުން ޓީ20 ވޯލްޑް ކަޕްގެ ޖާގަ ލިބޭނީ ކޮންމެ ޓީމެއް، ކޮންމެ ޓީމަކާ ލީގު އުސޫލުން ބައްދަލުކުރުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށެވެ. ޓީ20 ވޯލްޑް ކަޕް އަންނަ އަހަރު ބާއްވަން ނިންމާފައި ވަނީ އޮސްޓްރޭލިއާގައެވެ.
ކްރިކެޓް ބޯޑު އޮފް މޯލްޑިވްސްއިން ދާދި ފަހުން ވަނީ މުހިއްމު ކަންކަން ކްރިކެޓުގެ ކުރިމަގަށް ރާވާފައިވާކަން އިއުލާނު ކޮށްފައެވެ. އެގޮތުން ބޯޑުގެ ރައީސް މުހައްމަދު ފައިސަލް ފާހަގަކުރައްވާފައި ވަނީ ގައުމީ ޓީމުތައް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެކަން ފަހި ކުރުމުގެ ގޮތުން ކްރިކެޓް ކޯޗުންނަށް ފަސޭހަ ގޮތްތަކެއް ހަމަޖައްސަން މަސައްކަތް ކުރައްވާ ކަމަށްވެސް ފައިސަލް ފާހަގަކުރައްވާފައިވެއެވެ. އެގޮތުން އަލަށް ކޮންޓްރެކްޓް ހަދާފައިވާ ކްރިކެޓް ކޯޗުންނަށް މުސާރައިގެ ގޮތުގައި އިތުރު ބޯނަސްތައް ދޭންވެސް ވަނީ ނިންމައިފައެވެ.
ހަމައެއާއެކު ކްރިކެޓް ސީނިއާ ޓީމުތަކުން ބައިނަލްއަގުވާމީ މެޗުތައް ކާމިޔާބުކުރުމުން ދޭ ބޯނަސްއެއްވެސް ވަނީ ކަނޑައަޅައިފައެވެ. ބައިނަލްއަގުވާމީ ކްރިކެޓް މުބާރާތްތަކުން މޮޅުވާ އަންހެން އަދި ފިރިހެން ޓީމަކަށް ބޯނަހެއްގެ ގޮތުގައި 20،000 ރުފިޔާ ދޭން ކްރިކެޓް ބޯޑުން ނިންމާފައިވެސްވެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު