މިދިޔަ ހޮނިހިރު ދުވަހު ހަވީރު މާލެއިން ފުރައިގެން ވ. އަތޮޅަށް ދިޔަ ލޯންޗުން ގެއްލުނު ކުއްޖާ ހޯދުމުގެ އޮޕަރޭޝަނަށް ޑޯނިއާ ފްލައިޓް ބޭނުން ކުރަން ފަށައިފިއެވެ.

މި ހާދިސާ ހިނގިތާ ދެ ދުވަސް ވެފައިވާއިރު، ހަތަރު އަހަރުގެ ކުއްޖާ އަދިވެސް ފެނިފައެއް ނުވެއެވެ. އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކޯސްޓް ގާޑުން ކުރަމުންދާއިރު، މި އޮޕަރޭޝަނަށް މިހާރު ޑޯނިއާ މަތިންދާބޯޓުވެސް ބޭނުން ކުރަމުންދާ ކަމަށް އެމްއެންޑީއެފް އިން މިއަދު ވަނީ ބުނެފައެވެ.

އެމްއެންޑީއެފް ބުނީ، ގެއްލުނު ކުއްޖާ ހޯދުމަށް މިއަދު ކަނޑު މަގުން 131 ސްކޮޔާ ނޯޓިކަލް މައިލްސް ބަލާފައިވާ ކަމަށެވެ. އަދި ވައިގެ މަގުން 4512 ސްކޮޔާ ނޯޓިކަލް މައިލްސް ބަލާފައިވާ ކަމަށެވެ.

އިއްޔެ ހަވީރު 4:00 ގައި މާލެއިން ފުރައިގެން ދަނިކޮށް، ލޯންޗަށް ދިޔަވެ އޭގައި ތިބި މީހުންގެ ތެރެއިން ތިން މީހުން ކަނޑަށް ވެއްޓުނީ އޮޅުވެލި ރިސޯޓު ކައިރިން އިއްޔެ ހަވީރު 5:00 ހާއިރުއެވެ. އެ ހާދިސާގައި ލޯންޗުން މޫދަށް ވެއްޓުނު ތިން މީހުންގެ ތެރެއިން ދެ މީހުން ވަނީ ސަލާމަތްކޮށްފައެވެ.

ފެނުނު މީހުންގެ ތެރެއިން އެކަކީ މިހާރު ހޯދަމުންދާ ހަތަރު އަހަރުގެ ކުއްޖާގެ މަންމަ މަރިޔަމް ނާހިދާއެވެ. ނާހިދާއަށް ފަރުވާ ދިނުމަށް އެންމެ ފުރަތަމަ ގެންދިޔައީ ކ. ގުރައިދޫ ސިއްހީ މަރުކަޒަށެވެ. ސިއްހީ މަރުކަޒަށް ނާހިދާ ގެންދިޔައިރު ވެސް ވަނީ މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އޭނާގެ ފިރިމީހާ "ވަން" އަށް ބުންޏެވެ.

ގެއްލުނު ކުއްޖާ ލައިގެން ހުރީ ކަޅުކުލައިގެ ޓީޝާޓެއް ލައިގެންނެވެ. އެމްއެންޑީއެފުން ވަނީ ގެއްލުނު ކުއްޖާ ހޯދަން އާންމުންގެ އެހީއަށްވެސް އެދިފައެވެ.

އެގޮތުން ސަން ސިޔާމް އޮޅުވެލި ރިސޯޓު ބޭރުން ދަތުރުކުރާ އުޅަނދު ފަހަރުތަކާއި އެ ހިސާބުގެ ރަށްތަކުން ކުއްޖާ ހޯދުމުގެ މަސައްކަތް ކޮށް ދިނުމަށް ވަނީ އެދިފައެވެ. އަދި ކުއްޖާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ކޯސްޓުގާޑުގެ ހިލޭ ގުޅޭ ނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުމަށް އެދޭ ކަމަށް ބުންޏެވެ.