އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގެ އިނގުރައިދޫ ދާއިރާގެ ވޯޓުލުން އަލުން ބާއްވަން ނިންމައިފިއެވެ.

އެމްޑީޕީން މިއަދު ބުނީ އިނގުރައިދޫ ދާއިރާގެ ވޯޓާ ގުޅޭ ޝަކުވާތައް، ޝަކުވާ ކޮމިޓީން ބެލުމަށްފަހު ދީފައިވާ ލަފައަށް އިންތިހާބާ ބެހޭ ކޮމިޓީން ރިއާޔަތް ކުރުމަށްފަހު، އެ ދާއިރާގެ ވޯޓު އަލުން ނެގުމަށް ނިންމާފައިވާ ކަމަށެވެ.

އެ ދާއިރާގެ ވޯޓުލުން އޮންނާނީ، މިމަހުގެ 23 ވާ ހޮނިހިރު ދުވަހު ހެނދުނު 9.00 އިން ހަވީރު 5.00 އަށް ކަމަށެވެ. އެގޮތުން ވޯޓުލުން އޮންނާނީ، އިނގުރައިދޫ ދާއިރާގެ ފައިނު، އިނގުރައިދޫ، އިންނަމާދޫ، ކިނޮޅަސް އަދި ރަސްމާދޫ ސްކޫލުގައި ކަމަށްވެސް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީން ބުނީ ކޮވިޑްގެ ހާލަތާ ގުޅިގެން މިދިޔަ މަހުގެ 25 ވަނަ ދުވަހު ވޯޓުލުން ކުރިއަށް ނުގެންދެވުނު ތ. ގުރައިދޫ ދާއިރާގެ ދިޔަމިގިލީގައިވެސް 23 ވަނަ ދުވަހުގެ ހެނދުނު 9.00 އިން ހަވީރު 5.00 އަށް އެރަށު ސްކޫލްގައި ވޯޓުލުން ކުރިއަށް ދާނެ ކަމަށެވެ.

އިނގުރައިދޫ ދާއިރާ އަދި ގުރައިދޫ ދާއިރާގެ ދިޔަމިގިލީގެ ވޯޓުލުން މާލޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އެމްޑީޕީގެ މައި ހަރުގޭގައެވެ. އަދި މާލޭގައި ބަހައްޓާ ގުރައިދޫ ދާއިރާގެ ވޯޓު ފޮށްޓަކީ ހަމައެކަނި އެދާއިރާގައި ހިމެނޭ ދިޔަމިގިލީގެ އެމްޑީޕީ މެންބަރުންނަށް ވޯޓުލުމަށް ބަހައްޓާ ފޮށްޓެއް ކަމަށްވެސް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބު ބާއްވާފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. އިންތިހާބުގައި 93،646 މެމްބަރުންނަށް ވޯޓުލުމުގެ ހައްގު ލިބުނު އިރު ވޯޓުލާފައިވަނީ 47،100 މީހުންނެވެ. މި އިންތިހާބުގައި 733 ކެންޑިޑޭޓުން ވާދަކުރިއެވެ. އިންތިހާބުގައި ޕްރޮވިންސްތަކާއި ސިޓީތަކާއި ދާއިރާތަކަށް 455 ބޭފުޅުން އިންތިހާބު ކޮށްފައިވެއެވެ.