ރާއްޖޭގައި ފްލައިން ސްކޫލެއް ހިންގަން މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއި އައިލެންޑް އޭވިއޭޝަން ސާވިސް ލިމިޓެޑްއާ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު މެންދުރު ފަހު އެމްއެންޔޫގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލާ މުހައްމަދު ޝަރީފެވެ. އަދި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދެވެ.

އެމްއެންޔޫ މިއަދު އިން ބުނީ މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ އެ ޔުނިވާސިޓީ އާއި އައިލެންޑް އޭވިއޭޝަންއާ ގުޅިގެން ގައުމު ބިނާކުރުމަށް ހަދާފައިވާ ޕްލޭންތަކާ އެއް ހަމައެއްގައި މަސައްކަތް ކުރުން ކަމަށެވެ.

ފްލައިން ސްކޫލާ ގުޅޭގޮތުން ވާހަކަދައްކަވަމުން އައިލެންޑް އޭވިއޭޝަންގެ އެމްޑީ ވިދާޅުވީ މި ސްކޫލްގެ ފުރަތަމަ ބެޗުގައި 30 ދަރިވަރުންނަށް ކިޔަވައި ދެވޭނެ ކަމަށާއި އެގޮތުން އަހަރެއްގެ ތެރޭގައި އެ ސްކޫލްގައި 80 ދަރިވަރުންނަށް ކިޔަވާދެވޭނެ ކަމަށެވެ.

އޭގެ އިތުރުން ސްކޫލްގެ ކިޔެވުން މި އަހަރުގެ ތެރޭގައި ފެށޭނެ ކަމަށާއި އޭޝިއަން އެކެޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) ހިންގި ފްލައިން ސްކޫލްގައި ކިޔަވަން ފަށައި، ކިޔެވުން ހުއްޓިފައި ތިބި ކުދިންނަށް އިސްކަންދޭނެ ކަމަށް މިހާދު ވިދާޅުވިއެވެ.

މި އެއްބަސްވުމުގެ ދަށުން ހިންގާ ފްލައިންގް ސްކޫލް ހިންގުމަށް ހަމަޖެހިފައިވަނީ ޗެކް ރިޕަބްލިކްގެ ތަޖުރިބާކާރު ފްލައިން ސްކޫލަކުންނެވެ.