މުޖުތަމައުގައި ހުންނަ ނޭދެވޭ އާދަތަކުން ޒުވާނުން ދުރުކުރުމަށް ކައުންސިލްތަކުން މަސައްކަތް ކޮށްދެއްވުމަށް ނައިބު ރައީސް ފައިސަލް ނަސީމް އެދިވަޑައިގެންފިއެވެ.
ރައީސް އޮފީހުގައި މިއަދު މެންދުރުފަހު ށ. ނޫމަރާ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި ނައިބު ރައީސް ވަނީ ރަށުގެ އާންމު ހާލަތު އޮޅުންފިލުވައި، ރަށުގެ ޒުވާނުން މުޖުތަމައުގައި ހުންނަ ނޭދެވޭ އާދަތަކާ ދުރުކުރުމަށް ކައުންސިލުން މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
ފައިސަލް ވިދާޅުވީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލުތަކަށް އިތުރު ބާރާއި އިހުތިޔާރުތައް މިހާރު ލިބިދީފައިވާ ކަމަށާއި އެގޮތުން ކައުންސިލުތަކަށް ލިބިދީފައިވާ ބާރުތަކާއެކު ރައްޔިތުންނަށް އިތުރު ފަސޭހަތަކެއް ލިބިދެވިފައިވާ ކަމަށެވެ.
މި ބައްދަލުވުމުގައި ނޫމަރާ ކައުންސިލުން ވަނީ އެރަށުގެ އާބާދީ ކުޑަވުމުން ރަށުގެ ތަރައްގީއަށް ކުރީގެ ސަރުކާރުތަކުން ދިން ސަމާލުކަން ކުޑަކަމަށް ހާމަކޮށްފައެވެ. އަދި މި ސަރުކާރުން އެރަށުގެ ތަރައްގީއަށް ދެމުންދާ އަހަންމިއްޔަތަށް ކައުންސިލުން ވަނީ ޝުކުރު އަދާކޮށްފައެވެ.
އޭގެ އިތުރުން ކައުންސިލަރުން ވަނީ ރަށުގެ ތަރައްގީއަށް ބޭނުންވާ އެކިއެކި ކަންކަމާ ގުޅޭގޮތުން ނައިބު ރައީސާ މަޝްވަރާ ކޮށްފައެވެ. އެގޮތުން ރަށުގެ ބަނދަރުގެ މަރާމާތުގެ މަސައްކަތާއި ފަރަށް އަރާފައިވާ ބާޖު ފުން ނުކުރެވި އެކަމުގެ ސަބަބުން ރަށްގިރުމުގެ މައްސަލަ އިތުރަށް ބޮޑުވުމާއި ކައުންސިލު އިދާރާއަށް އާ އޮފީހެއް ބޭނުންވާ ކަންވެސް ހާމަކޮށްފައެވެ. އަދި ރަށުގެ ޒުވާނުންނަށް ފުޓްސަލް ކުޅުމަށް ދަނޑެއްގެ މުހިއްމުކަން ބޮޑުވެފައިވާ ކަމާއި ސިއްހީ މަރުކަޒުގައި ލެބޯޓްރީއެއް ނެތުމުގެ ސަބަބުން ކުރިމަތިވާ ދަތިތަކުގެ އިތުރުން ރަށު ސްކޫލުގެ ތަރައްގީއަށް ބޭނުންވާ ބައެއް ކަންކަމުގެ މައުލޫމާތުވެސް ކައުންސިލު މެންބަރުން ވަނީ ނައިބު ރައީސާ ހިއްސާކޮށްފައެވެ.
ކައުންސިލަރުން ފާހަގަކުރި ކަންކަމުގައި ސަރުކާރުން ވެދެވެންހުރި އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެ ކަމަށާއި ކަމާގުޅޭ އިދާރާތަކާ ގުޅިގެން އެ މައްސަލަތައް ހައްލުކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު