އެމަނިކުފާނު ރާއްޖެ އައީ ތިން ދުވަހަށް ކަމަށް ނިންމީ ނޫސްވެރީން ކަމަށް ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ރާއްޖެ ވަޑައިގެންނެވީ މިދިޔަ ހޯމަ ދުވަހުއެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގަތީ އަވަހާރަކޮށްލަން މިދިޔަ މެއި މަހު ދިން ބޮމުގެ ހަމަލާގައި ލިބިވަޑައިގެން ޒަހަމްތަކަށް ޖަރުމަނާއި އިނގިރޭސި ވިލާތުން ފަރުވާ ހޯއްދެވުމަށް ރާއްޖެ ދޫކޮށް ވަޑައިގެންނެވިތާ ފަސް މަސް ފަހުންނެވެ.

ނަމަވެސް އެމަނިކުފާނު ރާއްޖޭގައި ހޭދަކުރައްވާނީ އެންމެ ތިން ދުވަސް ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކުރިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަމާ ގުޅޭ ގޮތުން "ވަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު ރާއްޖެ އެނބުރި ވަޑައިގެންނެވީ ތިން ދުވަހަށް ކަމަށް ނިންމީ ނޫސްވެރިން ކަމަށެވެ. އަދި ހޮޓެލް ޖެންގައި މިވަގުތު ހުންނަވަނީ އެމަނިކުފާނަށް ސަރުކާރުން ހަމަޖައްސައިދެއްވާ ގެކޮޅުގެ މަސައްކަތް ނިމެންދެކަށް ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުގެ ގެއެއް ހުރޭ. އަޅުގަނޑު ވަރަށް އެދޭ އެގޭގައި އަޅުގަނޑަށް ހުރެވޭ ގޮތް ވުން. އެހެން ނަމަވެސް އެމްއެންޑީއެފަކުން މިހާރަކު އެ ޖާގަ ދޭކަށް ތައްޔާރަކަށް ނޫން ތިބީކީއެއް. މިގޮތަށް އަޅުގަނޑު ވަކިން ތަނެއްގައި ބެހެއްޓުން އެއީ ސަލާމަތްތެރިކަން ބޮޑު ގޮތެއްގެ ގޮތުގައި އެބޭފުޅުން (އެމްއެންޑީއެފުން) ދެކެނީ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ރާއްޖެ ވަޑައިގެންނެވީ މެދުކެނޑުމެއް ނެތި އަބަދަށް ހުރެވޭނެ ގޮތަކަށް ނޫން ކަމަށާއި ފަރުވާއަށާއި އެހެނިހެން ކަންކަމަށް ރާއްޖެއިން ބޭރަށް ވަޑައިގަންނަވަންޖެހޭ ކަމަށެވެ.

އެމަނިކުފާނަށް ސަރުކާރުން ފޯރުކޮށްދޭ ސެކިއުރިޓީއާމެދު ހިތްޕުޅުހަމަޖެހޭތޯ "ވަން" އިން ސުވާލުކުރުމުން ރައީސް ނަޝީދު ވިދާޅުވީ، ސަލާމަތާއި ރައްކާތެރިކަމަށް ހިތްހަމަނުޖެހި، ރައްކާތެރިކަން އިތުރުކުރަންޖެހޭ ކަމަށް ދެކޭ ދެމީހުންނަކީ އެމަނިކުފާނުގެ ދެ ކުދިން ކަމަށެވެ.