ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސްގެ ނައިބު ނެތް ހާލަތެއްގައި ރާއްޖޭގައި ހުންނާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު އެގޮތަށް ވިދާޅުވީ ފަސް މަސް ވަންދެން ބޭސް ފަރުވާއަށް ރާއްޖެއިން ބޭރުގައި ހުންނެވުމަށްފަހު ރާއްޖެ ވަޑައިގެން ތިން ވަނައަށް ވީ ދުވަހު، މިއަދު ރައްޔިތުން މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެ ސުވާލުގެ ޖަވާބު އެމަނިކުފާނު ދެއްވީ ވަރަށް ކުރު ގޮތަކަށެވެ.

"ރައީސުލްޖުމްހޫރިއްޔާ ނޫނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މި ރަށުގައި ނެތިއްޖެ ހާލެއްތައި އަޅުގަނޑު މިރަށުގައި ހުންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ތިބޭފުޅާއަށާއި އަދި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަރުވަން" ނަޝީދު ވިދާޅުވިއެވެ.

ބޭސްފަރުވާއަށް ރާއްޖެއިން ބޭރުގައި ހުރުމުގެ ސަބަބުން، ގާނޫނީ ގޮތުން މަތިކޮށްފައިވާ ރައްޔިތުން މަޖިލީހުގެ ރައީސްކަމުގެ މަގާމު އެ މަނިކުފާނަށް ގަވާއިދުން އަދާނުކުރެވޭ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ. އޭގެ ތެރޭގައި މީގެ ކުރިން އެމްޑީޕީގެ އިސް ސަފުގައި މަސައްކަތް ކުރި ބޭފުޅުން ވެސް ހިމެނެއެވެ.

އެ ފާޑު ކިޔުންތަކަށް ރައްދު ދެއްވައި ނަޝީދު ވިދާޅުވީ، މަޖިލީހުގެ ބައެއް މެމްބަރުން ޖަލްސާއަކަށް ހާޒިރު ނުވާތާ ދޮޅު އަހަރު ވެފައިވާ ކަމަށާއި އެ މަނިކުފާނު ވެސް ބޭނުންވަނީ މަޖިލީހަށް ގޮސް މަސައްކަތުގައި ބައިވެރިވާން ކަމަށެވެ. ނަމަވެސް ހާލަތު ހުރިގޮތުން އަދި މަޖިލީހަށް ވަޑައިގެން މަސައްކަތް ކުރެވެން ނެތް ކަމަށެވެ.

"ރައްޔިތުން މަޖިލީހުގެ ބައެއް އިއްޒަތެރި މެމްބަރުން ވެއްޖެ ދޮޅު އަހަރު މަޖިލީހަށް ވަޑައިނުގަންނަވާތާ، ދެން އަޅުގަނޑު ވެސް އެދޭގޮތެއް ނޫން، މީކީއެއް ނޫން މަޖިލީހެއް ނައިސް އަޅުގަނޑު ހުރުން، އަޅުގަނޑަށް ކިރިޔާ ވެސް އެކަން ކުރެވެން އޮންނަ ހާލަތެއްގައި އަޅުގަނޑު އިރާދަ ކުރެއްވިއްޔާ އެކަން ކުރާނަން، ދެން އަޅުގަނޑު މިދަނީ އަޅުގަނޑުގެ ދާއިރާގެ ރައްޔިތުންނަށް އެކަމުގެ އިތުބާރު ދެމުން" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ރާއްޖެ ވަޑައިގެންނެވީ މިދިޔަ ހޯމަ ދުވަހުއެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގަތީ މިދިޔަ މެއި މަހު ދިން ބޮމުގެ ހަމަލާގައި ލިބިވަޑައިގެން ޒަހަމްތަކަށް ޖަރުމަނާއި އިނގިރޭސި ވިލާތުން ފަރުވާ ހޯއްދެވުމަށް ރާއްޖެއިން ވަޑައިގެންނެވިތާ ފަސް މަސް ފަހުންނެވެ.

އެމަނިކުފާނު ރާއްޖެ ވަޑައިގެން މިވަގުތު ހުންނެވީ ހޮޓެލް ޖެންގައެވެ. އެހަރަދު ހަމަޖައްސައިދެނީ ދިވެހި ސަރުކާރުންނެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން "ވަން" އިން ސުވާލުކުރުމުން ނަޝީދު ވިދާޅުވީ، ހޮޓެލް ޖެންގައި އެމަނިކުފާނު މިވަގުތު ހުންނަވަނީ ސަރުކާރުން ހަމަޖައްސައިދެއްވާ ގެކޮޅުގެ މަސައްކަތް ނިމެންދެން ކަމަށެވެ. ނަމަވެސް އަމިއްލަ ގެކޮޅުގައި ދިރިއުޅެން ބޭނުންވާ ކަމަށް ވިދާޅުވިއެވެ.

ދައުލަތުގެ އިސް ވެރިންގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރަން އުއްތަމަ ފަނޑިޔާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސަށްވެސް ރަސްމީ ގެކޮޅު ހަމަޖައްސަން ނިންމީ މަޖިލީހުގެ މިހާރުގެ ނަޝީދު އަވަހަރާ ކޮށްލަން ދިން ހަމަލާއަށްފަހުއެވެ.