ޖޭއެސްސީ އިސްލާހު ކުރުމުގެ މަސައްކަތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު ސާފު ޖަވާބެއް ނުދެއްވިއެވެ

ރައްޔިތުންގެ މަޖިލިހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖޭއެސްސީ އިސްލާހު ކުރަން އެމްޑީޕީގެ މެނިފސްޓޯގައި އޮތް އިރު، އަދިވެސް އެކަމަށް އިސްލާހު އައިސްފައިނުވާ މައްސަލައިގައި ނޫސްވެރިއަކު ދެންނެވި ސުވާލަކާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ ޖޭއެސްސީއަށް ބަދަލު ގެނަން މެނިފެސްޓޯގައި އޮތް ނަމަވެސް ގެންނަންވީ ސީދާ ކޮން ބަދަލެއްކަން ކަނޑައަޅާފައި ނުވާ ކަމަށެވެ.

"ސިޔާސީ ބޭފުޅުން ހިމަނާނަންތޯ، ޖުޑިޝަރީގެ ބޭފުޅުން ހިމަނާނަންތޯ، އެއީ ސިޓިން ޖަޖުން ތިބޭތަނެއްތޯ، ކަނޑައަޅަންޖެހޭ،"

ނަމަވެސް މަޖިލިސް ރައީސް ވިދާޅުވީ، ޖޭއެސްސީއަށް އިސްލާހުތަކެއް ބޭނުންވާ ކަމަށެވެ. އެއީ ނިމިދިޔަ އެމްޑީޕީގެ އިންތިހާބުގެ ތެރޭގައިވެސް ދައްކަމުންދިޔަ ވާހަކަތަކެއް ކަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ޖޭއެސްސީގައި ދައުލަތުގެ އެއްބާރު ކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް ހިމެނޭއިރު، ހުރިހާ މުވައްޒަފުންގެ ރައީސްގެ ގޮތުގައި ސިވިލްސާވިސް ކޮމިޝަންގެ ރައީސް ހިމެނޭ ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ ސިޔާސީ ބޭފުޅެއްނޫން ކަމަށްވެސް ވިދާޅުވިއެވެ.

"އެހެންވީމާ މަޖިލިސް ރައީސަކީ ސިޔާސީ ބޭފުޅެއްނޫން އެއްވެސް ހާލެއްގައި، އެއްވެސް ނިޒާމެއްގައި، ރާއްޖޭގައި މިއޮތް ގޮތުންނަމަ މަޖިލިސް ރައީސަކީ ސިޔާސީ ބޭފުޅެއްގެ ގޮތުގައެއް ފާހަގަކޮށްގެންނުވާނެ،"

ނަމަވެސް ސިޔާސީ ހަގީގަތަކީ އެމަނިކުފާނަކީ ސިޔާސީ ބޭފުޅެއްކަމަށްވުން ކަމުގައިވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ޖުޑީޝަރީއަށް އެކަނި ގެންނަ އިސްލާހަކުން ޖޭއެސްސީ އިސްލާހު ނުކުރެވޭނެ ކަމަށެވެ. އެކަމަށް ގެންނަން ޖެހެނީ ޖުމްލަ ހައްލެއް ކަމަށާއި އެ އިސްލާހަކީ ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހެއް ކަމަށްވެސް ވިދާޅުވިއެވެ.

މިހާރު އަމަލު ކުރަމުންދާ ގާނޫނުއަސާސީއަށް އަމަލު ކުރަމުން އަންނަތާ މިހާރު 13 ވަރަކަށް އަހަރު ވެފައިވާއިރު، މި ވަގުތަކީ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމާ ގުޅޭގޮތުން ރައްޔިތުން ވިސްނާންވީ ވަގުތު ކަމަށްވެސް ވިދާޅުވިއެވެ.