ރާއްޖެއިން އެނބުރި ފުރާ ދުވަސް ބުނެވެން ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ރާއްޖެ ވަޑައިގެންނެވީ މިދިޔަ ހޯމަ ދުވަހުއެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގަތީ އަވަހާރަކޮށްލަން މިދިޔަ މެއި މަހު ދިން ބޮމުގެ ހަމަލާގައި ލިބިވަޑައިގެން ޒަހަމްތަކަށް ޖަރުމަނާއި އިނގިރޭސި ވިލާތުން ފަރުވާ ހޯއްދެވުމަށް ރާއްޖެ ދޫކޮށް ވަޑައިގެންނެވިތާ ފަސް މަސް ފަހުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެއިން އެނބުރި ފުރާވަޑައިގަންނަވާނެ ދުވަހާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެ މައުލޫމާތު ހިއްސާ ކުރެވެން ނެތް ކަމަށެވެ.

"އަޅުގަނޑު ގާތުގައި ބުނެފައި އޮތީ އެއްތަނުން އަނެއްތަނަށް ދާ ގަޑިއާއި ދުވަހާ އެބާވަތުގެ މައުލޫމާތު ހިއްސާ ނުކުރުމަށް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވި އިރު، އެމަނިކުފާނުގެ ސެކިއުރިޓީ ވަނީ ވަރަށް ވަރުގަދަކޮށްފައެވެ. އެގޮތުން އެމަނިކުފާނު މިވަގުތު ހުންނެވި ހޮޓެލް ޖެންއަށްވެސް ވަދެވެނީ ސެކިއުރިޓީ ޗެކު ކުރުމަށްފަހުއެވެ. އަދި އެމަނިކުފާނު ދަތުރުކުރައްވާ ކާރުކޮޅާއެކު އެމްއެންޑީއެފްގެ ގިނަ އަދަދެއްގެ ސިފައިންނާއި ވެހިކަލްދާއިރު، އެމަނިކުފާނު ވަޑައިގަންނަވާ ހިސާބެއްގެ މަގުތައްވެސް ބަންދުކުރެއެވެ.