ބޭނުންފުޅުވަނީ އަމިއްލަ ގޭގައި ހުންނަވަން ކަމަށާއި ނަމަވެސް އެކަމަށް ސަލާމަތީ ބާރުތަކުން ހުއްދައެއް ނުދެއްވާ ކަމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ރާއްޖެ ވަޑައިގެންނެވީ މިދިޔަ ހޯމަ ދުވަހުއެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގަތީ އަވަހާރަކޮށްލަން މިދިޔަ މެއި މަހު ދިން ބޮމުގެ ހަމަލާގައި ލިބިވަޑައިގެން ޒަހަމްތަކަށް ޖަރުމަނާއި އިނގިރޭސި ވިލާތުން ފަރުވާ ހޯއްދެވުމަށް ރާއްޖެ ދޫކޮށް ވަޑައިގެންނެވިތާ ފަސް މަސް ފަހުންނެވެ.
އެމަނިކުފާނު ރާއްޖެ ވަޑައިގެން މިވަގުތު ހުންނެވީ ހޮޓެލް ޖެންގައެވެ. އެހަރަދު ހަމަޖައްސައިދެނީ ދިވެހި ސަރުކާރުންނެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން "ވަން" އިން ސުވާލުކުރުމުން ރައީސް ނަޝީދު ވިދާޅުވީ، ހޮޓެލް ޖެންގައި އެމަނިކުފާނު މިވަގުތު ހުންނަވަނީ ސަރުކާރުން ހަމަޖައްސައިދެއްވާ ގެކޮޅުގެ މަސައްކަތް ނިމެންދެން ކަމަށެވެ. ނަމަވެސް އަމިއްލަ ގެކޮޅުގައި ދިރިއުޅެން ބޭނުންވާ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުގެ ގެއެއް ހުރޭ. އަޅުގަނޑު ވަރަށް އެދޭ އެގޭގައި އަޅުގަނޑަށް ހުރެވޭ ގޮތް ވުން. އެހެން ނަމަވެސް އެމްއެންޑީއެފަކުން މިހާރަކު އެ ޖާގަ ދޭކަށް ތައްޔާރަކަށް ނޫން ތިބީކީއެއް. މިގޮތަށް އަޅުގަނޑު ވަކިން ތަނެއްގައި ބެހެއްޓުން އެއީ ސަލާމަތްތެރިކަން ބޮޑު ގޮތެއްގެ ގޮތުގައި އެބޭފުޅުން (އެމްއެންޑީއެފުން) ދެކެނީ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ދައުލަތުގެ އިސް ވެރިންގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރަން އުއްތަމަ ފަނޑިޔާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސަށްވެސް ރަސްމީ ގެކޮޅު ހަމަޖައްސަން ނިންމީ މަޖިލީހުގެ މިހާރުގެ ރައީސް ނަޝީދު އަވަހަރާ ކޮށްލަން ދިން ހަމަލާއަށްފަހުއެވެ.
އެގޮތުން ދައުލަތުގެ ދެ ބާރުގެ ވެރިންނަށް ރަސްމީ ގެކޮޅެއް ހަމަޖައްސަންޖެހޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ގެނެސް ގާނޫނީ ގޮތުން އެއީ މަޖުބޫރު ކަމަކަށް ބަދަލުކުރިއެވެ. އަދި މަޖިލީހުގެ ރައީސަށާއި އުއްތަމަ ފަނޑިޔާރަށް ހާއްސަކޮށް ރަސްމީ ގެކޮޅު އިމާރާތް ކުރާނެ ދެ ބިމެއް ސަރުކާރުން ކަނޑައެޅިއެވެ.
ނަމަވެސް ދާއިމީ ގެކޮޅު މަސައްކަތް ލަސްވާނެތީ، ވަގުތީ ގެކޮޅުގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދައުލަތުން ހަމަޖެއްސީ މުރައިދޫގެއެވެ. އަދި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނަށް ރެހެންދި ފްލެޓެއް ވަނީ ކަނޑައަޅައިފައެވެ.
މަޖިލީހުގެ ރައީސަށް ހާއްސަކޮށް ދާއިމީ ރަސްމީ ގެކޮޅު އިމާރާތްކުރަން ނިންމާފައިވަނީ މިހާރު ސުޕްރީމް ކޯޓު ހިންގާ ތީމުގޭގެ ކުރިމަތީގައި އޮންނަ ހުސް ބިމެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު