ގިނަ ޒުވާނުންނާ ގާތްގުޅުމެއް ބާއްވާ މަޝްހޫރު ގަރާޖު ވިޔަފާރިވެރިވާ ހަސަން ގާސިމް (ހަސަންފުޅުބެ) މަރުވެއްޖެއެވެ.
ހަސަންފުޅުބެ އަކީ މާލޭގެ މަޝްހޫރު "ހަސަންފުޅު ގަރާޖު"ގެ ވެރިޔާ އެވެ. އޭނާ މަރުވީ ރޭގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބެ އެވެ.
ހަސަންފުޅުބެ އޭނާގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ މާލޭގައި ބައިސްކަލް ދުއްވި ޒަމާނުގަ އެވެ. އޭރު ބައިސްކަލަށް ދިމާވާ އެކި އެކި މައްސަލަތައް ހައްލުކޮށްދިނުމަށް ކުޑަ ގަރާޖެއް ހުޅުވާ އަމިއްލައަށް އެ މަސައްކަތުގައި އުޅުނެވެ. ނަމަވެސް ސައިކަލްތައް ގެނެސް ދުއްވަން ފެށުމާއެކު އެ ގަރާޖަށް މަރާމާތަށް ގެންނަ ސައިކަލްގެ އަދަދު އިތުރުވަމުން ފަހުން ވަނީ ސައިކަލް މަރާމާތު ކުރާ ގަރާޖަކަށް ބަދަލުވެފަ އެވެ.
މާލޭގައި އެންމެ ފުރަތަމަ ގަރާޖު ވިޔަފާރި ކުރި މީހުންގެ ތެރޭގައި ހިމެނޭ ހަސަންފުޅުބެ އަކީ ގިނަ ޒުވާނުންނާ ގާތް ގުޅުމެއް ބާއްވާ އަދި ސައިކަލުގެ އެކި އެކި މަރާމާތުތައް ހިލޭ ކޮށްދިން މީހެކެވެ. އެގޮތުން ހިލޭ ވައި ޖަހައި ދިނުމާއި ލޯގަނޑު ބަދަލު ކޮށްދިނުން ފަދަ ކަންކަން ހަސަންފުޅުބެ ހިލޭ ކޮށްދޭން ފެށުމުން އެހެން ގަރާޖުތަކުންވެސް އެކަން ކުރަން ހިލޭ ކޮށްދޭން ފެށި އެވެ.
ގިނަ އަދަދެއްގެ ޒުވާނުން ހަސަންފުޅުބެ އަށް ތައުޒިޔާގެ މެސެޖުތައް ސޯޝަލް މީޑިއާގައި ބަންޑުން ކުރަމުން އަންނައިރު އެ މީހުންގެ ރަސްމީ ބަހުން ނަމަ ހަސަންފުޅުބެއަކީ މި މަސައްކަތުގެ ރާއްޖޭގެ "ކިންގް" އެވެ. އެ ގަރާޖަށް ދާ ކޮންމެ ފަހަރަކު ހަސަންފުޅުބެ އާ ދިމާވާ ކަމަށް ވެސް އެ މީހުން ބުންޏެވެ. މުސްކުޅިވެ އަމިއްލައަށް ސައިކަލް މަރާމާތު ކުރުމުގެ މަސައްކަތުގައި ނޫޅެވޭ ހިސާބަށް ދިއުމުން، ބިދޭސީއަކު ލައްވައި އެމަސައްކަތް ކުރުވި ނަމަވެސް ހަސަންފުޅުބެ އެކަން އޭނާ ގާތުން ބަލަ އެވެ. އަދި ގަރާޖު ކައިރީގައި އިނދެ އެވެ.
ހަސަންފުޅުބެގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށްފަހު ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު