ޗެކް ރިޕަބްލިކްގެ އޮނަރަރީ ކޮންސިއުލޭޓެއް ރާއްޖޭގައި މިއަދު ހުޅުވައިފިއެވެ.
މި ކޮންސިއުލޭޓް ހުޅުއްވައިދެއްވީ، ޗެކް ރިޕަބްލިކްގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، މިލާން ހޮވޮކް އާއި ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަބްދުލްގަފޫރު މުހައްމަދެވެ. މި ކޮންސިއުލޭޓް ހުޅުވާފައިވަނީ އަމީނީ ގޯޅީގައި ހުންނަ ގ. ލައިލަކްގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޗެކްގެ ސަފީރު މިލާން ވިދާޅުވީ ރާއްޖޭގައި ހުޅުވި އޮފީހުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާވާނެ ކަމަށާއި އަދި އެކި ދާއިރާތަކުން ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ފުރުސަތު ލިބޭނެ ކަމަށެވެ.
"ޗެކް ރިޕަބްލިކްގެ ކޮންސިއުލޭޓެއް ރާއްޖޭގައި ހުޅުވުމުން މި ގައުމުގައި ދިރިއުޅޭ ޗެކް ރިޕަބްލިކްގެ ރައްޔިތުންނަށް ލުއިފަސޭހަތަކެއް ވެސް ލިބިގެންދާނެ،" ސަފީރު ވިދާޅުވިއެވެ.
ފޮރިން ސެކްރެޓަރީ ގަފޫރު ވިދާޅުވީ، ޗެކް ރިޕަބްލިކަށް ދާން ބޭނުންވާ ދިވެހިންނަށް ކޮންސިއުލޭޓް މެދުވެރިކޮށް އެއްވެސް ދަތި ކަމެއް ނެތި ވިސާ ލިބޭނެ ކަމަށެވެ. އަދި އެގައުމާ ގުޅޭ ކަންކަމުގައި ދިވެހިންނަށް ވެސް ފަސޭހަތަކެއް ލިބޭނެ ކަމަށެވެ.
ކުރިއަށް އޮތް ތަނުގައި ކޮންސިއުލޭޓްގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާވެ، ދެ ގައުމުގެ ރައްޔިތުންނަށް ވެސް އިތުރު ލުއި ފަސޭހަތަކެއް ލިބޭނެ ކަމަށް ގަފޫރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު