ނުރަނގަޅު ފިކުރުތައް ފަތުރައި، ދިވެހިން ބައިބައި ކުރަން ބަޔަކު ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ގައުމީ ދުވަހުގެ މުނާސަބަތުގައި މިހާރު ކުރިއަށްދާ ޖަލްސާގައި ރައީސް ވިދާޅުވީ ރާއްޖެއަކީ ދިގު ތާރީހެއް އޮތް ގައުމެއް ކަމަށާއި އަދި މުއްސަނދި ސަގާފީ ތަރިކައަކާއި ފަހުރުވެރި ގައުމިއްޔަތެއް އޮތް ގައުމެއް ކަމަށެވެ. ދިވެހިންނަކީ ސުލްހަޔާއި ހަމަޖެހުމާއި މަޑުމައިތިރިކަމުގައި މުއައްރިހުން މިސާލު ޖަހައި އުޅުނު ބައެއް ކަމަށެވެ. އަދި ދިވެހިންނަކީ ހަމްދަރުދީ އާއި އޯގާތެރިކަމާއި ކުލުނާއި ލޯބީގެ މަތީގައި ދިރިއުޅުން ބިނާކުރި ބައެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ނަމަވެސް ނުރަނގަޅު ފިކުރުތައް އަޅުގަނޑުމެންގެ ތެރެއަށް ފަތުރައި، އިޖުތިމާއީ އަދަބު އަހުލާގުގެ ހަފޮޅުން ބޭރުކޮށް ދިވެހިން ބައިބައި ކުރުމަށް، ބަޔަކު ކެނޑިނޭޅި އެބަ މަސައްކަތްކުރޭ. މިފަދަ ފިކުރުތަކަށް ފާޅުގައި ނޫނެކޭ ބުނެ، އަހުލާގީ އެންމެ މަތީ މިންގަނޑުގައި ސާބިތުވެތިބޭ ބައެއްގެ ގޮތުގައި ދަރިން ތަރުބިއްޔަތުކުރުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް،" ރައީސް ވިދާޅުވިއެވެ.

ރާއްޖެއަށާއި ދިވެހިވަންތަކަމަށް އަދި ދިވެހި ގައުމިއްޔަތަށް ލޯބިކުރާ ބައެއްގެ ގޮތުގައި ދަރިން މުޖުތަމައަށް ނެރުމަކީ މިއަދު ގައުމީ ވާޖިބެއްގެ ގޮތުގައި ހަދަން ޖެހޭ ކަމެއް ކަމަށެވެ. އަދި ދިވެހިވަންތަ ޝަހުސިއްޔަތެއްގެ ސިފަތައް ކޮންމެ ދަރިއެއްގެ ކިބައިގައި ހަރުލައްވައިދިނުމަކީ ގައުމީ ވާޖިބެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ގައުމުގެ ފޯދެމުން އަންނަ ޖީލުގެ ހިތްތަކުގައި ގައުމިއްޔަތުގެ ރޫހު އުފައްދައި، ގައުމީ ލޯބި ދިރުވައި އާލާކުރުމުގެ އަޒުމް ކަނޑައެޅުމަކީ މިފަދަ ގައުމީ މުނާސަބާތަކުގައި ކުރަން ޖެހޭނެ ކަމެއް ކަމަށެވެ. އަދި ދިވެހިންގެ ގައުމިއްޔަތު ދިރުވައި އާލާ ކުރެވޭނީ ގައުމީ ސިފަތަކަށާއި ގައުމިއްޔަތަށް ލޯބިކުރާ ޒުވާން ޖީލެއް އުފެދިގެން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.