އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަށް ލިބިވަޑައިގެންނެވީ ގައުމުތަކުގެ މިނިވަންކަމާއި ސިޔާދަތީ ރައްކާތެރިކަން ކަށަވަރުކުރުމަށް ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތްތައް މުޅި ދުނިޔެއިން ބަލައިގެންފައިވާތީ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ގައުމީ ދުވަހުގެ މުނާސަބަތުގައި މިހާރު ކުރިއަށްދާ ޖަލްސާގައި ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ރާއްޖެ އާއި ބައިނަލްއަގުވާމީ މުޖުތަމައާ ދެމެދު ވަރަށް ބަދަހި ގުޅުމެއް ދެމެހެއްޓުމަށް ކަމަށެވެ. އަދި ސަރުކާރުގެ މި ސިޔާސަތު ތަންފީޒު ކުރެއްވުމުގައި ރާއްޖޭގެ ހާރިޖީ ވަޒީރުގެ ހައިސިއްޔަތުން، އަބްދުﷲ ޝާހިދު ކޮށްދެއްވި އަދި މިހާރުވެސް ކޮށްދެއްވާ މަސައްކަތްތަކަކީ ތައުރީފު ހައްގު މަސައްކަތްތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބައިނަލްއަގުވާމީ މުޖުތަމައާ މުޅީން އެކަހެރިވެފައި އޮތް އަހަރުތަކަކަށް ފަހު، މިއަދު ރާއްޖެއަކީ ބައިނަލްއަގުވާމީ މުޖުތަމައުގެ އިތުބާރާއި ލޯތްބާއި އިހުތިރާމް ލިބިފައިވާ ގައުމެއް ކަމަށެވެ.
"ބައިނަލްއަގުވާމީ މުޖުތަމައުގައި އިސްވެ ބަސް ބުނުމުގެ ފުރުސަތު، މިކުޑަކުޑަ ރާއްޖެއަށް ލިބުނީ، އާދެ، އދ. ގެ އާންމު މަޖިލީހުގެ ރިއާސަތު ރާއްޖެއާ ހަވާލުކުރީ، ރާއްޖޭގެ އެންމެ އިސް ސިޔާސަތަކީ ގައުމުތަކުގެ މިނިވަންކަމާއި ސިޔާދަތީ ރައްކާތެރިކަން ކަށަވަރުކުރުންކަމަށް މުޅި ދުނިޔެ ގަބޫލުކުރާތީ. އަދި ދިވެހިންނަކީ އެހެން ގައުމުތަކާ އެކު އެކުވެރިކަމާއެކު އެއް އާއިލާއެއް ފަދައިން އުޅެން ބޭނުންވާ ބައެއްކަން ދުނިޔެ ގަބޫލުކުރާތީ،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މިއަދު އެންމެ އިސް ގައުމީ ވާޖިބަކީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ރައްކާތެރިކުރުން ކަމަށާއި ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ ވެސް އެއީ ކަމަށެވެ. ގައުމީ ތަރައްގީއަށްޓަކައި ކުރާ ކޮންމެ ކަމެއް ކަމަކާއި އަދި ބައިނަލްއަގުވާމީ މުޖުތަމައާއެކު ގާއިމުކުރާ ކޮންމެ ގުޅުމެއް ބިނާކުރަނީ ވަރަށް ވަރުގަދަ ތަރަހައެއްގެ މަތީގައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"އެއީ ދިވެހި ގައުމިއްޔަތުގެ އަސާސީ ބަހާތައް ނަގަހައްޓައި ދެމެހެއްޓުން. އެއީ ދިވެހިރާއްޖޭގެ މިނިވަންކަން ދިފާއުކޮށް ރައްކާތެރިކުރުމާއި ދިވެހިރާއްޖެ އާއި ދިވެހީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން. ހަމައެފަދައިން ދިވެހިންގެ ހިތްތަކުގައިވާ އިސްލާމީ އަގީދާ ހަރުދަނާ ކުރުމާއެކު އިންސާނީ ހައްގުތައް ރައްކާތެރިކުރުމާއި ޑިމޮކްރަސީގެ ހަމަތައް ދިރުވައި އާލާކުރުން،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މިއަދު ދުނިޔެ ދަންނަނީ ސުލްހަޔާއި މިނިވަންކަމުގެ ބަސްމަގު ކަމަށާއި ދުނިޔެ ގޮވައިލަނީ އެކުވެރިކަމާ އެކު ލާމެހިގެން އުޅުމަށް ކަމަށެވެ. އަދި އެކަހެރިވުމާއި ވަކިވަކިވެގެން އުޅުމަށް މިއަދުގެ ވިސްނުން ތަން ނުދޭ ކަމަށާއި އަޅުވެތިކުރުމާއި ގަދަބާރުން ކަންކަން ކުރުމަކީ އަދުގެ ބައިނަލްއަގުވާމީ މުޖުތަމައާ ބީރައްޓެހި ކަންކަން ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު