ޓެކާސް މައިލޯ ޗެމްޕިއަންޝިޕް ގްރޭޓާ މާލެ ކަޕް 2021ގެ ޗެމްޕިއަންކަން މަސްއޮޑި ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ.
މުބާރާތުގައި އިއްޔެ ކުޅުނު ފައިނަލް މެޗުގައި މަސްއޮޑިއާ ވާދަކޮށްފައި ވަނީ ޑެޑްމައުސް އެވެ. ޓީނޭޖު ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗު މަސްއޮޑިން ކާމިޔާބުކުރީ 4-0ގެ ނަތީޖާއަކުންނެވެ.
ޖުމުލަ 32 ޓީމާއެކު ކުރިއަށް ގެންދިޔަ ގްރޭޓާ މާލެ ކަޕް ކާމިޔާބުކަމާއެކު އިއްޔެ ނިންމާލައިފައިވާއިރު، މުބާރާތުގައި ރާއްޖޭގެ ފުޓްސަލްގައި އެންމެ ހުނަރުވެރި ތަރިން ފެނިފައިވެއެވެ. މުބާރާތަށްފަހު، އެކިއެކި މަގާމުތަކަށް އިނާމު ހަވާލުކުރުމުގެ އިތުރުން ޗެމްޕިއަން ޓީމަށް ތަށްޓާއި 50،000 ރުފިޔާގެ ފައިސާގެ އިނާމު ދީފައިވެ އެވެ. ފައިނަލް މެޗު ޝަރަފުވެރި ކޮށްދެއްވީ ރާއްޖޭގައި ނެސްލޭ ތަމްސީލު ކުރާ ދިޝާން ވިޖޭޔަވަރުދަނާ އެވެ.
ދިޝާންއާ އެކު ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވުމަށް ބައިވެރިވީ ޕްރިންޓް ލެބްގެ މެނޭޖިން ޑިރެކްޓަރު އަދި ރާއްޖޭގައި ހުންނަ ޗެކު ރިބަޕްލިކްގެ ކޮންސިއުލޭޓް މަދީހު ޖަމާލާއި އަލް ޝާލީ މެރިން މޯލްޑިވްސްގެ އޮޕަރޭޝަންސް މެނޭޖަރު އިސްމާއީލް ޝަރީފެވެ. އެ ހުރިހާ ފަރާތްތަކަކީވެސް ޓެކާސް މައިލޯ ޗެމްޕިއަންޝިޕްގެ ޕާޓްނަރުންނެވެ.
ފައިނަލް މެޗަށްފަހު މުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާގެ އިތުރުން ތަށްޓާއި މެޑަލް ހަވާލު ކޮށްފައިވާއިރު، ރަނަރަޕް ޓީމަށް ވަނީ 25،000 ރުފިޔާގެ ފައިސާގެ އިނާމު ދީފައެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައި ވަނީ މަސްއޮޑި އެސްސީގެ މުހައްމަދު ވިލްފާއި ޔަލްސާން މުހައްމަދު، ނޮއެނާގެ އިބްރާހީމް އަތީގު އަދި ޑެޑެމައުސްގެ އަހުމަދު ރިއުޝަން އާއި އިބްރާހީމް އިމްރާހު އެވެ.
މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ޔަލްސާން މުހައްމަދު އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް މަސްއޮޑި ސްޕޯޓްސް ކްލަބުގެ އަބްދުﷲ ޝައްފާން (ޝާކާ) ހޮވިފައިވާއިރު، ފެއާ ޕްލޭ ޓީމަކަށް ހޮވުނީ ޓީމް އިނގުރައިދޫ އެވެ. އެންމެ މޮޅު ޕްލޭމޭކަރަކަށް ހޮވުނީ ޑެޑްމައުސްގެ އަހުމަދު ރިއުޝަން އެވެ. މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީ އިބްރާހީމް އިމްރާހު އެވެ.
ޕްލެޓިނަމް ސްޕޮންސަރުގެ ގޮތުގައި ޓައިޓަލް ނަގާފައި ވަނީ ރާއްޖޭގެ ކުޅިވަރުގައި އެންމެ ފާހަގަކޮށްލެވޭ ނަން "މައިލޯ" އެވެ. ގޯލްޑް ޕާޓްނަރުންނަކީ އުރީދޫ މޯލްޑިވްސް، އަލް ޝާލީ މެރިން މޯލްޑިވްސް، އެމްޓީސީސީ، ވެލިގާ ހާޑްވެއާ، މޯލްޑިވްސް ގޭސް، މޯލްޑިވިއަން، ވެލްވޮލިން، މީޑިއާނެޓް އަދި ޕާސަނަލް ކޮމްޕިއުޓާސްއެވެ. ރާއްޖޭގެ ރީތިކަން ސިފަވާ ގޮތަށް ހަދާފައިވާ މުބާރާތުގެ ޓްރޮފީ ފަރުމާކުރީ ރާއްޖޭގެ ހުނަރުވެރި ޑިޒައިނަރު ހުސެއިން އަތީކް (އަޓިއްކޭ) އެވެ.
ޓެކާސް މޯލްޑިވްސް މައިލޯ ޗެމްޕިއަންޝިޕްގައި ދެން އޮންނާނީ "ޓެކާސް ރިސޯޓް ކަޕް"ގެ ނަމުގައި ބާއްވާ މުބާރާތެވެ. އެ މުބާރާތުގައި ރާއްޖޭގެ 60 ރިސޯޓެއް ބައިވެރިކުރާނެއެވެ. އަދި "ޓެކާސް މޯލްޑިވްސް ކަޕް"ގެ ނަމުގައި ރަށްރަށަށް ހުޅުވާލައިގެން ބާއްވާ މުބާރާތް އޮންނާނީ އަތޮޅު ފެންވަރުން ފެށިގެން މުޅި ރާއްޖެއިން ޗެމްޕިއަނެއް ހޮވާ ގޮތަށެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު